ޚަބަރު

ފްރެންޗައިޒް ރެސްޓޯރެންޓް އޮކްޓޫބަރުމަހަށް ނިންމަނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އިމާރާތްކުރާ ވޯޓަރ ފްރަންޓް ފްރެންޗައިޒް ރެސްޓޯރެންޓްގެ މަސައްކަތް އޮކްޓޫބަރުމަހުގެ ނިޔަލަށް ނިންމާ، އެތަން ހުޅުވޭނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފިއެވެ. 

ހުޅުލޭގައި މިހާރު ބޭނުންކުރަމުންދާ ޑޮމެސްޓިކް ޓަރމިނަލްގެ ކުރިމަތީގައި ހަދަމުންދާ ވޯޓަރ ފްރަންޓް ފްރެންޗައިޒް ރެސްޓޯރެންޓަކީ ދުނިޔޭގެ ނަން މަޝްހޫރު ފާސްޓް-ފުޑް ޗެއިންތަކުގެ އައުޓްލެޓްތަކާއެކު ޒަމާނީ ފެންވަރުގައި ތަރައްޤީކުރަމުންދާ ރެސްޓޯރެންޓެކެވެ. 2 ބުރިއަށް ހަދާ މި އިމާރާތުގެ ތިރީބައި ޑިޒައިންކޮށްފައި ވަނީ ވޯކްވޭއެއްގޮތަށް އާއްމުންނަށް ހިނގާބިގާވެ އުޅެވޭނެހެނެވެ. އަދި ދެވަނަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ފްރެންޗައިޒް އައުޓްލެޓްތަކަށެވެ.

img:http://s4.psmnews.mv/images/660x400/14993256455764.jpg|ފްރެންޗައިސްތަކާއެކު އެއަރޕޯޓުގައި ތަރައްޤީކުރާ ރެސްޓޯރަންޓުގެ މަސައްކަތް ކުރިއަށްދަނީ / މިތަން އޮކްޓޫބަރުމަހަށް ނިންމުމަށް ދަނީ މަސައްކަތްކުރަމުން

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ، ވޯޓަރ ފްރަންޓް ފްރެންޗައިޒް ރެސްޓޯރެންޓްގެ ފައުންޑޭޝަންގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށެވެ. އަދި މި އިމާރާތަށް ބޭނުންވާ ސްޓްރަކްޗަރއަކީ ޗައިނާއިން ޕްރީ-ފެބްރިކޭޓް ކޮށްގެން ރާއްޖެ ގެނެސްފައިވާ ތަކެތިކަމަށާއި، އެތަކެތި ރޭވުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ވިދާޅުވިއެވެ. އާދިލް ވިދާޅުވީ، މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަ، އަންނަ އޮކްޓޫބަރުމަހުގެ ނިޔަލަށް މި ރެސްޓޯރެންޓްގެ މަސައްކަތް އެއްކޮށް ނިންމާ، އެތަން ހުޅުވޭވަރު ވާނެކަމަށް ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރުވެސް ބައެއް އިންޓަރނޭޝަނަލް ފާސްޓްފުޑް ބްރޭންޑްތަކާއި، ކޮފީ ޝޮޕްތައް އޮޕަރޭޓްކުރަމުން އަންނައިރު، އަލަށް ހުޅުވިގެންދާ މި ވޯޓަރ ފްރަންޓް ފްރެންޗައިޒް ރެސްޓޯރެންޓާއެކު އެއަރޕޯޓުގެ މުޅި މަލަމައްޗަށާއި، ދެމުންދާ ޙިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. އަދި ދުނިޔޭގެ ނަން މަޝްހޫރު ބުރޭންޑުތަކުގެ ތެރެއިން ޕިއްޒާ ހަޓް، ކޭ.އެފް.ސީ އަދި މޫވެން ޕިކްގެ އައުޓްލެޓްތައް މި ރެސްޓޯރެންޓަށް ގެނެއުމުގެ މަސައްކަތް އެކުންފުނިން މިހާރުވެސް އަންނަނީކުރަމުންނެވެ.