ޚަބަރު

އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދުގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީހަށް ހުށައަޅުއްވާފައިވާ މައްސަލަ މިމަހުގެ 24 ވަނަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރުމަށް މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ. 

މައްސަލަ އެޖެންޑާކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދީފައި ވީނަމަވެސް މަޖިލީހުގެ އިދާރާއިން މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހް މުޙައްމަދުގެ އިތުބާރު ނެތްކަމަށް ބުނެ 45 މެންބަރުންގެ ސޮޔާއެކު މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. 

މަޖިލީހުގެ ޤަވާއިދުގައި ވާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށައަޅައިފިނަމަ އެ މައްސަލައިގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައި، އެ މައްސަލައިގެ ނޯޓިސް އަމީން ޢާންމު މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ފޮނުވަން ޖެހޭނެކަމަށެވެ. އަދި އެ ތާރީޚުން ފެށިގެން ރަސްމީ ބަންދުނޫން ދިހަ ދުވަހުގެ މުއްދަތު ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ މައްސަލަ ހުށަހަޅަންވާނެކަމަށް މަޖިލީހުގެ ޤަވާއިދުގައިވެއެވެ.