ދުނިޔެ

"ސޫރިޔާގެ މައްސަލާގައި ރަޝިޔާއާއެކު މަޝްވަރާކުރަން ތައްޔާރު"


2011 ވަނަ އަހަރުން ފެށިގެން ސޫރިޔާގައި ކުރަމުންދާ ދާޚިލީ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ގެނައުމާ ބެހޭގޮތުން ރަޝިޔާއާއެކު މަޝްވަރާކުރުމަށް އެމެރިކާއިން ތައްޔާރަށް އޮތް ކަމަށް، އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަން ވިދާޅުވެއްޖެއެވެ.

ޖަރުމަނުވިލާތުގައި ހުކުރު ދުވަހު ފަށާ، ދުނިޔޭގެ ސިނާޢީ ގޮތުން އެންމެ ކުރިއަރާފައިވާ ވިހި ގައުމު ނުވަތަ ޖީ-ޓްވެންޓީގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގެ ކުރިން ނެރުނު ބަޔާނެއްގައި ޓިލަރސަން ވިދާޅުވީ، ސޫރިޔާގެ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް ކުރި މަޝްވަރާތަކުގައި ސޫރިޔާގެ އެތެރޭގައި އުދުހުން މަނާ ސަރަހައްދުތަކެއް ކަނޑައެޅުމާ ބެހޭ ގޮތުންވެސް މަޝްވަރާތައް ކުރެވިދާނެ ކަމަށެވެ.

ޓިލަރސަން ވިދާޅުވީ، އެމެރިކާ އާއި ރަޝިޔާ ގުޅިގެން ސޫރިޔާގެ ހަނގުރާމައަށް ސިޔާސީ ހައްލެއް ހޯދައިދެވިއްޖެނަމަ، އެ ކަން ވެގެންދާނީ ސޫރިޔާގައި ދެން އުފައްދާ ސިޔާސި ނިޒާމުގެ އަސާސަށް ކަމަށެވެ.

ސޫރިޔާގައި އެކުލަވާލާފައިވާ ހަމަލާ ބަދަލުކުރުން މަނާކުރާ އެއްބަސްވުމުގައިވާ ކަންކަމަށް ޢަމަލުކުރުމާ ބެހޭގޮތުން އީރާނާ، ތުރުކީ އަދި ރަޝިޔާއިން ކުރި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުކުމެފައި ނުވާ ކަމަށް ރަޝިޔާއިން ބުނެއެވެ.

ކަޒަކިސްތާނުގެ ވެރިރަށް އަސްތާނާގައި ދެދުވަހަށް ކުރިއަށްގެންދިޔަ މި މަޝްވަރާތަކުގައި، ހަމަލާ ބަދަލުކުރުން މަނާކުރާ ސަރަހައްދުތަކާ ބެހޭ މުހިއްމު ކަންކަމުގައި ތިން ފަރާތަށް އެއްގަލަކަށް އެރިފައި ނުވާކަމަށް ރަޝިޔާގެ ވަފުދުގެ އިސްވެރިޔާ ވަނީ ވިދާޅުވެފައެވެ.

ޙާއްސަ ގޮތެއްގައި އެ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާނެ ފަރާތެއް ހޯދުމާ ބެހޭގޮތުން ކުރި މަޝްވަރާތައް ކާމިޔާބު ނުވާކަން ރަޝިޔާއިން ވަނީ ހާމަކޮށްފައެވެ.