ވިޔަފާރި

ގެދޮރު ގަތުމަށް ފަޞޭހައިން ލޯނު ލިބެންޖެހޭ- އެމްއެމްއޭ ގަވަރުނަރ


ގެދޮރު ޢިމާރާތްކުރުމާއި ގެދޮރު ގަތުމަށް ވަޒީފާ އަދާކުރާ ކޮންމެ މީހަކަށް ލުއިފަސޭހަކަމާއި އެކު އަގުހެޔޮކޮށް ލޯނު ލިބޭނެ މަގުފަހިކޮށްދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރ ޑރ.އަޒީމާ އާދަމް މާލީ އިދާރާތަކަށް ގޮވާލައްވައިފިއެވެ. 

ގަވަރުނަރ މިކަމަށް ގޮވާލެއްވީ ފައިނޭންޝަލް އެކްސްޕޯ 2017 އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ގަވަރުނަރ އަޒިމާ ވިދާޅުވީ ހައުސިން ފައިނޭޝަލް ލޯނަކީ ލިބޭ މުސާރައިން ފަސޭހަަމާއި އެކު ދެއްކޭ އެއްޗަކަށް ހަދަންޖެހޭކަމަށެވެ. އަދި އެއީ މުއްސަދިންނަށް އެކަނި ލިބޭ ލޯނެއްގެ ގޮތުގައި އޮންނަން ނުޖެހޭކަމަށްވެސް ގަވަރުނަރ ވިދާޅުވިއެވެ.

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްދާ ފައިނޭންޝަލް އެކްސްޕޯއަކީ އާއްމުންގެ މެދުގައި މާލީ އަދި އިޤްތިޞާދީ ކަންކަމާ ބެހޭގޮތުން ހޭލުންތެރިކުރުމާއި، އާއްމުންނާއި މާލީ އިދާރާތަކުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަގުފަހިކުރުމުގެ މަޤްސަދުގައި ބާއްވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯގައި ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި މުވާސަލާތީ ޙިދުމަތްދޭ ކުންފުނިތަކުން ބައިވެރިވެއެވެ. އަދި އެޗްޑީސީއާއެކު ކޮންސްޓްރަކްޝަން ކުންފުނިތަކާއި ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި އިންޓީރިއަރ ޑިޒައިނަރުންވެސް ވަނީ ބައިވެރިވެފައެވެ.