ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އަމާޒުތަކަށް ވާސިލުވުމަށްޓަކައި ޚާރިޖީ ދާއިރާއިން މީހުން ބިނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ފޮރިންގ މިނިސްޓަރ މުޙައްމަދު ޢާސިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ޚާރިޖީ ސިޔާސަތުގެ "ފޮސިމް" މަޖައްލާ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ދިވެހިރާއްޖޭގެ ފޮރިން ސަރވިސް އިންސްޓްޓިއުޓުން ތައްޔާރުކޮށްފައިވާ ދެފޮތް ނެރެދެއްވީ މިނިސްޓަރ އޮފް ފޮރރިން އެފެއާޒް ޑރ މުހަންމަދު އާސިމެވެ.
ފޮރިންގ މިނިސްޓްރީގެ ދަށުން ހިންގާ އިންސްޓްޓިއުޓެއްގެ ގޮތުގައި ފޮރިން ސާރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް، ފޮސިމް އުފައްދާފައިވަނީ 16 ޖެނުއަރީ 2014 ގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ފޮސިމްގެ މަޤްސަދަކީ ދިވެހި ޚާރިޖިއްޔާގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކޮށް ޕްރޮފެޝަނަލް ސަރވިސްއެއް އުފެއްދުމެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު އާސިމް ވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އަމާޒުތަކަށް ވާސިލުވުމަށްޓަކައި ދިވެހި ޚާރިޖިއްޔާގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމުގައި ފޮސިމްއިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، މި ނެރުނު މައްޖައްލާގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ގުޅުމާ ބެހޭ މުހިންމު މަޢުލޫމާތުތަކެއް ބޭރުގެ ފަރާތްތަކަށާއި، ކިޔަވާ ކުދިންނަށް ލިބިގެންދާނެކަމަށެވެ.
މި މަޖައްލާގައިވާ ލިއުންތަކުގައި ރާއްޖެއިން ބޭރުގެ މިޝަންތަކަށް ކަނޑައަޅާފައިވާ ސަފީރުން، އެބޭފުޅުންގެ ތަޖުރިބާއާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައިވާގޮތާއި ދޭދޭ ޤައުމުތަކާ ރާއްޖެއާ ދެމެދު ބަދަހިވަމުން އަންނަ ގުޅުމުގެ މައްޗަށް ބައްލަވާލައްވާފައިވެއެވެ. ޚާރިޖީ ސިޔާސަތު އެކުލަވާލުމުގައި ގެންގުޅޭ ޚިޔާލުތަކާއި މި ދާއިރާއާ ގުޅޭ ކަންކަމާ ގުޅޭގޮތުން ޚާރިޖިއްޔާގެ މުވައްޒަފުންގެ ޚިޔާލު މިމައްޖައްލާގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން ފޮރިންގ މިނިސްޓްރީން ހިންގުމަށް ގަސްދުކޮށްފައިވާ ޕްރޮގްރާމްތަކާ ގުޅޭ މައުލޫމާތު ހިމަނާފައިވެއެވެ. އަހަރަކު 4 ފަހަރު ނެރުމަށް ހަމަޖެހިފައިވާ ފޮސިމްގެ މަޖައްލާ "ފޮސިމް ކުއާޓަލީ" ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި ތިއްބަވާ ބޭރުގެ ޤައުމުތަކުގެ ބައެއް ސަފީރުންނާއި، ޖަމްޢިއްޔާތަކުގެ މަންދޫބުން ބައިވެރިވިއެވެ.