ކުޅިވަރު

ނިއުރޭޑިއެންޓަށް ލުބުނާންގެ ޑިފެންޑަރެއް


ލީގަށް ވާދަ ކުރަމުން އަންނަ ނިއުރޭޑިއަންޓްގެ ޑިފެންސްލައިން ވަރުގަދަ ކުރުމަށް ލުބުނާންގެ ކުޅުންތެރިއެއް ގެނެސްފިއެވެ. 

ނިއުރޭޑިއަންޓުން މަޢުލޫމާތުދޭ ގޮތުގައި ލުބުނާންގެ ކުޅުންތެރިޔާ ނިއުރޭޑިއަންޓަށް ގެނައީ ޖަޕާންގެ ކެސޫކީ އޮގާވާގެ ބަދަލްގައެވެ. ޓްރާންސްފަރ އަށްފަހު އޮގާވާ ނިއުރޭޑިއަންޓްގައި ނުހުންނާނެ ކަމަށާއި އެހެންކަމުން އެމަޤާމްގައި ލުބުނާންގެ ކުޅުންތެރިޔާ މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އެކްލަބުން ބުންޏެވެ. 

ލުބުނާންގެ ޙުސައިން އަލް ދޫރު ނަމަކަށް ކިޔާ މި ކުޅުންތެރިޔާވަނީ ލުބުނާންގެ އަލް އަޙްދަށާއި ޝަބާބް އަލް ޝެހެލްއަށް ކުޅެފައެވެ. 23 އަހަރުގެ ކުޅުންތެރިޔާ އިއްޔެވަނީ މާލެ އައިސް ނިއުރެޑިއަންޓްގެ ޕްރެކްޓިސް ބަލައިލުމަށްވެސް ގޮސްފައެވެ.

 ޓްރާންސްފަރއަށްފަހު ވަރުގަދަ ސްކޮޑެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަ ނިއުރޭޑިއަންޓުންވަނީ ޤައުމީ ކެޕްޓަން ޢަލީ އަޝްފާޤާއި ތަޖުރިބާކާރު މިޑްފިލްޑަރ އިބްރާހީމް ފަޒީލް އޮއްޕޮވެސް އެޓީމަށް ގެންގޮސްފައެވެ.