ޚަބަރު

ޕީޖީ ގްރޫޕުގެ ޑެޕިއުޓީލީޑަރުކަމުން އިލްހާމް އިސްތިއުފާ ދެއްވައިފި


ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަގާމުންނާއި ރައްޔިތުންގެ މަޖިލިހުގެ އިޤްތިޞާދީ ކޮމެޓީގެ މުޤައްރިރު ކަމުގެ މަޤާމުން ރައްޔިތުންގެ މަޖިލީހުގެ ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަޙްމަދު އިސްތިއުފާ ދެއްވައިފިއެވެ.

އިލްހާމް ވަނީ މިޙާރު މިކަން ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކަށް މެސެޖަކުން އަންގަވާފައިކަމަށް އިލްޙާމުގެ ގާތް ބޭފުޅަކު ވަނީ ޕީއެސްއެމް ނިއުސްއަށް ޔަޤީންކޮށްދީފައެވެ. 

ޕީޕީއެމްގެ މަޤާމުތަކުން އިލްހާމް އިސްތިއުފާދެއްވިއިރު އޭނާވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަޞީހު މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ސޮއިކުރިކަމަށްބުނާ 45 މެމްބަރުންގެ ތެރޭގައި ހިމެނިފައެވެ.