ޚަބަރު

ފާރިސް ރިޝްވަތު ދިންކަމުގެ ހެކި އެބަހުރި- ފުލުހުން


ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ހެއްކާއި ޤަރީނާ ލިބިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ހާމަކުރައްވައިފިއެވެ. 

އިސްކަންދަރުކޮށީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސްޕޯކްސްޕަރސަން، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތުދިން ކަމުގެ މައްސަލަތަކެއް ބައްލަވަމުންގެންދަވާކަމަށެވެ. އަދި މިކަމާއި ގުޅުންހުރި ބައެއް ފަރާތްތައް މިހާރު ހައްޔަރުކޮށްފައިވާކަމަށް ޝިފާން ވިދާޅުވިއެވެ. 

ޝިފާން ވިދާޅުވީ، ރިޝްވަތުގެ މައްސަލައިގައި ފުލުހުން ހޯދަމުންދާ ކުރީގެ ރައީސް މައުމޫންގެ އަރިސް ބޭފުޅެއްކަމަށްވާ އަހުމަދު ސޮފްވާން ފިލައިގެން އުޅޭތީ، އޭނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވާކަމަށެވެ. 

މިމައްސަލަތަކަކީ ތަހްޤީޤްކުރަމުންދާ މައްސަލަތަކެއްކަމުން، މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ. 

މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ މައްސަލަތަކެއް ބައްލަވަމުން ގެންދަވާއިރު، ފާރިސް އިސްކޮށް ހުންވައިގެން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެވެ.