ޚަބަރު

ޕީޕީއެމްގެ މަސައްކަތަށް ބަދަލުތަކެއް ގެންނާނަން- ނިހާން


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހް މުޙައްމަދުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެ މައްސަލަ މަޖިލީހަށް ހުށައެޅި މިއީ ހަތަރުވަނަ ފަހަރެވެ. ކުރިން ހުށައެޅި ހުރިހާ މައްސަލައެއްވެސް ކާމިޔާބުކޮށްފައިވަނީ ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މަޖިލިސް މެންބަރުންނެވެ. އަނެއްކާވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަޙުމަދު ނިހާން ޙުސައިން މަނިކު ވަނީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވާފައެވެ.

އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކަކީ ވަރަށް ބޮޑަށް ރާވައިގެން ސިސްޓެމެޓިކްކޮށް ހިންގާ ހަރަކާތްތަކެއްގެ ގޮތުގައި ސިފަކުރައްވަމުން ނިހާން ވިދާޅުވީ، އޮޅުވާލުމާއި ކެހިވެރި ރޭވުންތަކުގެ ތެރެއިން، ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް އިދިކޮޅު ފަރާތްތަކުން ބުރޫއަރުވާފައިވާކަމަށެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދައި، ސަރުކާރާމެދު ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުކޮށްލާފައި އެބަހުރިކަމަށާއި، ކުރިއަށް އޮތްތަނުގައި މަސައްކަތްކުރާނީ އިދިކޮޅު ކޯލިޝަންގެ ގޭމް ޕްލޭނާމެދު ވަރަށް ރަނގަޅަށް ވިސްނައި، ޕީޕީއެމްގެ ގޭމް ޕްލޭންވެސް ބަދަލުކޮށްގެންކަމަށް ވިދާޅުވިއެވެ.

އެމްޑީޕީއާއި ގުޅިފައިވާ ފަރާތްތަކުން މަޖިލީހާއި މަޖިލީހުގެ ތަޅުމުން ބޭރުގައި ރޭވިގެން މަސައްކަތްތަކެއް ކުރާތާ ދުވަސްތަކެއްވެއްޖެކަމަށާއި، ސަރުކާރުގެ ތަރައްޤީގެ މަސައްކަތްކަށް ހުރަސް އެޅުމަށް އަބަދުވެސް މަސައްކަތް ކުރާކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހުށައެޅި މައްސަލައަކީ ވަރަށް ނުރައްކާތެރި ރޭވުމެއްގެ ދަށުންކުރާ މަސައްކަތެއްކަމަށް ނިހާން ސިފަކުރެއްވިއެވެ. ކޮންމެ ބައެއްގެ ތެރޭގައިވެސް ޚިޔާލުތަފާތުވުންތަކާއި ހިތްހަމަނުޖެހުން އޮންނާނެ ކަމަށާއި މިމައްސަލަ ހުށައަޅަފައި މިވަނީ ޕީޕީއެމްގެ ބައެއް މެންބަރުންގެ މެދުގައިވެސް އެފަދަ ކަންކަން ހުރި ދަނޑިވަޅުތަކުގެ ބޭނުން ހިފައިގެންކަމަށް ވިދާޅުވިއެވެ.

މިއީ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދުގެ ކިބައިގައި ޤާބިލުކަން ނެތުމުން ނުވަތަ ވަކިކަމެއް ނުކުރައްވައިގެން ނަގާ ވޯޓެއް ނޫންކަށާ މިއީ މުޅި ސަރުކާރުގެ ތެރޭގައި ހުރި މަޝްރޫޢުތައް ކުރިއަށްގެންދިއުން ހުއްޓުވުމުގެ މަޤްޞަދުގައި ކުރާ ކަމެއްކަން ނިހާން ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ ހުށައެޅި ލިއުމުގައި ޕީޕީއެމްގެ ބައެއް މެންބަރުން ސޮއިކުރައްވާފައިވާ ކަންތައްތަކަށް އިޝާރާތްކުރައްވާ ނިހާން ވިދާޅުވީ ތަރައްޤީގެ މަސައްކަތްތަކުގައި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން އެމެމްބަރުން ނިކުމެވަޑައިގަތުމުން، ދާއިރާއާއި ގުޅުން ހުރި މަޝްރޫޢުތަކަށް ހީނަރުކަން އައުމަކީ އެމެންބަރުންވެސް އެދިވަޑައިގަންނަވާނެ ގޮތެއް ނޫން ކަމަށެވެ. ލިއުމުގައި ސޮއިކުރެއްވި ޕީޕީއެމްގެ މެންބަރުންނާ ވާހަކަދައްކަވައިގެން ޙައްލު ހޯއްދެވުމަށް މަސައްކަތްކުރައްވާނެކަމަށާއި، މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށްކަންކަން ރާއްވަވާނެކަމަށް ވިދާޅުވިއެވެ.

ޕީޕީއެމް އެމްޑީއޭ ކޯލިޝަންގެ މެންބަރުންނާމެދު ޝައްކު ނުކުރައްވާކަމަށާއި، މަޖިލީހުގެ ރައީސްއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ނާކާމިޔާބުކޮށް ސަރުކާރު ކޯލިޝަނުން ކާމިޔާބު ހޯދާނެ ކަމަށް ނިހާން ވިދާޅުވިއެވެ.