ޚަބަރު

އިބްރާހިމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި


ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އަނެއްކާވެސް އުފުލައިފިއެވެ. 

އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މެއި މަހުގެ ފަންސަވީސް ވަނަ ދުވަހުކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވިއެވެ. އިބްރާހީމް މުޙައްމަދު ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ ކުރިމިނަލް ކޯޓުގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދު ބަންދުކޮށްގެން ގިރިފުށީގައި ބެހެއްޓި މައްސަލާގައެވެ. 

ޓެރަރިޒަމްގެ ދައުވާ ދީދީގެ މައްޗަށްކޮށް ކުރިމިނަލް ކޯޓަށް މައްސަލަ ހުށައަޅާފައި ވީނަމަވެސް އަދި އެ މައްސަލަ ކޯޓުގައި ތާވަލްކޮށްފައެއް ނުވެއެވެ.

މި މައްސަލާގައި މީގެކުރިންވެސް އިބްރާހީމް މުޙައްމަދު ދީދީގެ މައްޗަށް ދައުވާކުރިއެވެ. ނަމަވެސް އެ ދައުވާއަށް އޭނާ އިންކާރު ކުރައްވާފައިވަނިކޮށް، ޕީޖީ އޮފީހުން ވަނީ ދައުވާ އަނބުރާ ގެންގޮސްފައެވެ. މި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ޙުކުމެއް ކޯޓުން ކޮށްފައިވާއިރު، ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް އުފުލި ދައުވާވެސް ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.