ދުނިޔެ

ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 205 އަށް އަރައިފި


ޖޫން މަހުގެ 25 ވަނަ ދުވަހު ޕާކިސްތާނުގެ ކަރާޗީ އާއި ލަހޯރު ގުޅުވައިދޭ ހައިވޭގައި ދަތުރުކުރަމުން ދިޔަ ތެޔޮ އުފުލާ ޓޭންކަރެއް ފުރޮޅާލައިގެން ހިނގި އެކްސިޑެންޓްގައި މަރުވި މީހުންގެ އަދަދު 205 އަށް އަރައިފިއެވެ.މި ޙާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވެފައި މިވަނީ ޒަޚަމްވި ގިނަ މީހުންގެ ހާލު ސީރިއަސްވެ އެފަރާތްތަކުގެ ފުރާނަ ގެއްލުމުގެ ސަބަބުން ކަމަށް ޕާކިސްތާނުގެ ސަރުކާރުން ހާމަކުރެއެވެ. މި ތެޔޮ ޓޭންކަރު ފުރޯޅާލާ ގޮވި ގޮވުމުގައި ވަނީ ވަރުގަދަ އަލިފާން ގަނޑެއް ރޯވެފައެވެ. އަދި ތެޔޮ ޓޭންކަރުން ތެޔޮ ހޯދުމަށް އެސަރަހައްދުގައި ކިއު ހަދައިގެން ތިބި ގިނަ ބައެއްގެ ގައިގައި މި ޙާދިސާގައި އަލިފާން ރޯވެފައިވާ ކަމަށް ވެސް ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. މީގެ ތެރެއިން ގިނަ ބައެއްގެ ގައިގައި އަލިފާން ގަނޑު ރޯވެފައިވަނީ ފުރޮޅާލާފައި އޮތް ޓޭންކަރުން ތެޔޮ ނެގުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް މަންޒަރު ދުއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ޙާދިސާގައި ޒަޚަމްވި ގިނަ ފަރާތްތަކުގެ ޙާލު ސީރިއަސް ވީ އަލިފާނުގެ ޙާދިސާތަކުގައި ޒަޚަމްވާ ފަރާތްތަކަށް ފަރުވާދޭ ފަދަ ވަސީލަތްތައް ހުންނަ ހޮސްޕިޓަލެއް އެސަރަހައްދުގެ ކައިރީގައި ނެތުމާ އެކު ޒަޚަމްވި ގިނަ އަދަދެއްގެ ބަޔަކަށް ދޭން ޖެހޭ ފަރުވާ ދިނުން ލަސްވުމުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި ތެޔޮ ޓޭންކަރު ފުރޮޅަލާފައިވަނީ ބާރު ސްޕީޑްގައި ދުއްވަމުން ދަނިކޮށް އުޅަނދު ދުއްވަން އިން މީހާއަށް ކޮންޓްރޯލް ނުކުރެވިގެން ކަމަށް ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތަކުން ފުރަތަމަ ވަނީ ބުނެފައެވެ. މި ޙާދިސާއާ ބެހޭ ގޮތުން ޕާކިސްތާނުގެ ސަރުކާރުން ހިންގި ތަހްޤީޤުން ވަނީ ޕާކިސްތާނުގެ ފުލުހުން ފަސް މީހަކު މި އެކްސިޑެންޓާ ބެހޭ މަޢުލޫމާތު ފޮރުވިކަން ހާމަވެފައެވެ. އަދި ޓޭންކަރު ފުރޮޅާލައިގެން ހިނގި އަލިފާނުގެ ޙާދިސާގެ އަސްލަކީ ރޯކޮށްފައިވާ ސިނގިރޭޓެއް ކަމަށް ވެސް ޕާކިސްތާނުގެ ތަހްޤީޤު މިހާތަނަށް ހޯދިފައިވާ ކަމަށް ޚަބަރު ލިބެއެވެ.