ދުނިޔެ

ޤަތަރުގެ މައްސަލައާ ބެހޭގޮތުން އެމެރިކާގެ ރައީސް މަޝްވަރާކޮށްފި


ޢަރަބި ބާރުތަކާ ޤަތަރާ ދެމެދު އުފެދިފައިވާ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ ޢަރަބިއްޔާ، އަބޫދާބީ އަދި ޤަތަރުގެ އިސްވެރިންނާ ފޯނުން ގުޅުއްވާ މަޝްވަރާކުރައްވައިފިއެވެ.

އެގޮތުން ޓްރަމްޕް ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް އަޒީޒާއި، އަބޫދާބީގެ ވަލީ ޢަހުދު ޝޭޙް މުޙައްމަދު ބިން ޒައިދް ޢަލް ނަހްޔާންގެ އިތުރުން ޤަތަރުގެ އަމީރު ޝޭޚް ތަމީމް ބިން ހަމަދް ޢަލް ޡާނީއާވެސް ފޯނުން ގުޅުއްވާ ވާހަކަ ދައްކަވާފައެވެ.

ވައިޓްހައުސް އިން ބުނެފައިވަނީ އެ ގައުމުތަކުގެ އިސްވެރިންނާއެކު ޓްރަމްޕް ދެއްކެވި ވާހަކަތަކުގައި ޓެރަރިސްޓް ޖަމާޢަތްތަކަށް މާލީ އެހީ ދިނުން ހުއްޓުވުމާ އެފަދަ ޖަމާޢަތްތަކުގެ ފިކުރު ހުއްޓުވުމުގެ މުހިއްމު ކަމަށް ޓްރަމްޕް އަލި އަޅުވާލައްވާފައިވާކަމަށެވެ. މީގެ އިތުރުން، ޓްރަމްޕް ވަނީ ދާދި ފަހުން ސައުދީ ޢަރަބިޔާގައި ބޭއްވި ސަމިޓްގައި އެކުލަވާލީ ލަނޑުދަނޑިތައް ހާސިލްކުރުމަށް ސަރަހައްދުގެ ގައުމުތަކުގެ އެއްބައިވަންތަކަން މުހިއްމުކަންވެސް ފާހަގަކުރައްވާފައިކަމަށް ވައިޓް ހައުސްއިން ބުނެފައިވެއެވެ.

ޖޫން މަހުގެ ފަސްވަނަ ދުވަހު ޢަރަބި ބާރުތައް ކަމަށްވާ ސައުދީ، ޔޫ.އޭ.އީ، ބަހްރައިން އަދި މިސްރުން ޤަތަރާ ސިޔާސީ އަދި ވިޔަފާރީގެ ގުޅުން ކަނޑާލާފައިވަނީ އެ ގައުމުން ޓެރަރިސްޓް ޖަމާޢަތްތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިވަމުންދާކަމަށް ތުހުމަތުކޮށެވެ. ޤަތަރުން މި ތުހުމަތުތައް ދޮގުކުރެއެވެ.