ދުނިޔެ

އެމެރިކާގެ އަމަލަކީ ޖެއްސުންކުރުމުގެ އަމަލެއް- ޗައިނާ


ދެކުނު ޗައިނާ ކަނޑުގައި އޮންނަ، ޗައިނާ އާއި އެސަރަހައްދުގެ އެހެން ބައެއް ގައުމުތަކުން މިލްކުވެރިކަމަށް ދަޢުވާކުރާ ޖަޒީރާތަކުގެ ކައިރިން އެމެރިކާގެ އަސްކަރީ މަނަވަރެއް ދަތުރުކުރުމަކީ، ސިޔާސީ ގޮތުންނާ އަސްކަރީ ގޮތުންވެސް ޖެއްސުންކުރުމުގެ ޢަމަލެއްކަމުގައި ޗައިނާއިން ބުނެފިއެވެ.

ޗައިނާއިން މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ފޯނުން ގުޅުއްވާ ވާހަކަ ދެއްކެވުމުގެ ދެތިން ގަޑިއިރު ކުރިންނެވެ. ދެކުނު ޗައިނާ ކަނޑުގައި އޮންނަ ޖަޒީރާ ރަށްތަކާއި، ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުގެ މިލްކުވެރިކަމަށް ދަޢުވާކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ، ޓައިވާން، ވިއެޓްނާމް، ފިލިޕީންސް، ބްރޫނާއީ، މެލޭޝިޔާ އަދި އިންޑޮނޭޝިޔާ ހިމެނެއެވެ. މި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ސަރަހައްދެއްގެ މިލްކުވެރިކަމަށް ދައުވާ ކުރަނީ ޗައިނާއިންނެވެ.

އެ ގައުމުން ވަނީ އެ ޖަޒީރާތަކުގެ ފަޅުތަކުގެ ބައެއް ސަރަހައްދުތައް ހިއްކާ، އެ ރަށްތަކުގައި އަސްކަރީ ތަމްރީނުތައް ހިންގާފައެވެ. އެހެން ނަމަވެސް އާދިއްތަ ދުވަހު އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގެ މަނަވަރު ޔޫ.އެސް.އެސް ސްޓެތޭމްގެ ހަރަކާތްތަކަކީ ސިޔާސީ ގޮތުންނާ އަސްކަރީ ގޮތުން ވެސް ޖެއްސުން ކުރުމުގެ ޢަމަލެއްގެ ގޮތުގައި ޗައިނާއިން ސިފަކުރެއެވެ.

ޗައިނާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައި އެމެރިކާގެ މި މަނަވަރު ވަނީ ދެކުނު ޗައިނާ ކަނޑުގައި އޮންނަ ޓްރައިޓަން އައިލެންޑްގެ އައްސޭރި ފަށާ ބާރަ މޭލު ދުރުން ދަތުރުކޮށް ޗައިނާގެ ކަނޑުގެ ސަރަހައްދުގެ ތެރެއަށް ވަދެފައި ކަމަށެވެ.

އދގެ ކަނޑުގެ ޤާނޫނުތައް ބުނާގޮތުން ކޮންމެ ގައުމެއްގެ އައްސޭރިފަށުން ފެށިގެން 12 މޭލު ކަނޑުގެ ސަރަހައްދަކީ އެގައުމެއްގެ ސަރަހައްދެވެ. ޗައިނާއިން ބުނެފައިވަނީ އެގައުމުގެ ގައުމީ ސަލާމަތާ ސިޔާދަތު ހިމާޔަތް ކުރުމަށް ކޮންމެ ފިޔަވަޅެއް އެޅުމަށް ވެސް ތައްޔާރަށް އޮތް ކަމަށާއި އެ ރަށްތަކުގެ މައްސަލައިގައި އަވަށްޓެރި ގައުމުތަކާ އެ ގައުމާ ދެމެދު އުފެދިފައިވާ މައްސަލަތައް ފިނިވެފައިވާ މިދަނޑިވަޅުގައި އެމެރިކާއިން މަސައްކަތް ކުރަމުންދަނީ ސަރަހައްދުގައި އަލުން ނުތަނަވަސްކަން އުފެއްދުމަށްކަމަށެވެ.  

އެމެރިކާގެ މަނަވަރު ޔޫ.އެސް.އެސް ސްޓެތޭމް އިން ކުރި މިދަތުރަކީ ދަތުރުފަތުރުގެ މިނިވަންކަމުގެ ނަމުގައި އެގައުމުން ހިންގާ ޕްރޮގްރާމްގެ ދަށުން ކުރި ދަތުރެއް ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ބުނެއެވެ. މިއީ ގިނަ ގައުމުތަކުން ދައުވާ ކުރާ ކަނޑުގެ ސަރަހައްދުތަކުގައި އދގެ ކަނޑުތަކާ ބެހޭ ޤާނޫނުތަކަށް ޢަމަލުކުރަމުންދޭތޯ ބެލުމަށް އެމެރިކާއިން ކުރިއަށް ގެންދާ ޙާއްސަ ޕްރޮގްރާމެކެވެ.  

އެމެރިކާގެ ޢަމަލު ޗައިނާއިން ކުށްވެރިކޮށްފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގުޅުއްވާ ވާހަކަ ދެއްކެވުމުގެ ދެތިން ގަޑި އިރު ކުރިން ކަމަށް ޚަބަރު ލިބެއެވެ. މި ފޯން ކޯލުގައި ޗައިނާގެ ރައީސް ޝީ ވަނީ ނުރަނގަޅު ހާލަތްތަކުގެ ސަބަބުން ދެގައުމުގެ ގުޅުމަށް ބުރޫ އެރުން ހުއްޓުވުމަށް ގޮވާލައްވާފައެވެ. އެހެން ނަމަވެސް، ދެކުނު ޗައިނާ ކަނޑުގައި ހިނގި މިޙާދިސާއާ ބެހޭ ގޮތުން ދެގައުމުގެ ރައީސުން މަޝްވަރާ ކުރެއްވި ކަމުގެ މަޢުލޫމާތު ލިބިފައި ނުވާ ކަމަށް ވައިޓްހައުސްއިން ވަނީ ބުނެފައެވެ.