ވިޔަފާރި

ޑަބަލް ޓެކްސް އެވޮއިޑެންސް އެގްރީމެންޓްގެ މަޝްވަރާތައް ފަށައިފި


ދިވެހި ސަރުކާރުން އިސްނަގައިގެން ދިވެހިރާއްޖެއާއި ބަންގްލަދޭސްއާއި ދެޤައުމުގެ ދެމެދުގައި "ޑަބަލް ޓެކްސް އެވޮއިޑެންސް އެގްރީމެންޓް" އެކުލަވާލުމާބެހޭ އެއްބަސްވުމުގެ ފުރަތަމަ ބުރު މިއަދު ފަށައިފިއެވެ.

"ޑަބަލް ޓެކްސް އެވޮއިޑެންސް އެގްރީމެންޓް" އެކުލަވާލުމާބެހޭ އެއްބަސްވުން ކުރިއަށްދާނީ މިމަހުގެ ތިނަކުން ހަޔަކަށް ދިވެހިރާއްޖޭގައެވެ. ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މީރާގެ ޕްރިންސިޕަލް އޮފިސަރ އިންޓަނޭޝަނަލް ޓެކްސޭޝަން މަރިޔަމް ހިންމަތު ހަސަން ވިދާޅުވީ، މި އެގްރީމެންޓްގެ ސަބަބުން ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާއި ދެޤައުމުގެ ދެމެދު ކުރެވޭ ވިޔަފާރި މުއާމަލާތްތަކުން އެއް އާމްދަނީއަކުން ދެފަހަރު ޓެކްސް ކުރުން ހުއްޓުމަކަށް ގެނެވޭނެކަމަށެވެ. އަދި ދެޤައުމުގެ ދެމެދުގައި ޓެކުހާއިގުޅޭ މައުލޫމާތުތައް ބަދަލުކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ދެޤައުމުގެ ދެމެދުގައި ޓެކްސް ދެއްކުމުގައި ލުޔެއް ލިބިގެންދާނެކަމަށް މީރާއިން ބުނެއެވެ.

ބަންގްލަދޭޝްގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވަނީ އެޤައުމުގެ ނޭޝަނަލް ބޯޑް އޮފް ރެވެނިއުއިންނެވެ. އެ ވަފުދުގެ ވެރިޔަކީ ޗެއާރމަން އަދި ސީނިއަރ ސެކްރެޓަރީ އަދި އިންޓާނަލް ރިސޯސަސް ޑިވިޜަން މުޙައްމަދު ނަޖީބުއްރަޙްމާންއެވެ. ރާއްޖޭގެ ވަފްދުގެ ވެރިޔަކީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްޒޭޝަން ހަސަން ޒަރީރުއެވެ.