ސިއްހަތު

ހޮޑުލުމާއި ބޭރަށް ހިންގުމަށް ސަމާލުވޭ!


ބޭރަށް ހިންގުމާއި ހޮޑުލުން ޢާއްމުވަމުންދާތީ އެކަމަށް ރައްކާތެރިވެ ތިބުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

ކޮންމެ އަހަރެއްގެވެސް މިދުވަސްވަރަކީ ރާއްޖޭގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވާ ދުވަސްވަރެކެވެ. މިދިޔަ އަހަރުގެ މިދުވަސްވަރާ އަޅަބަލާއިރު މިއަހަރު މި ބަލީގެ މިންވަރު މިވަނީ އިތުރުވެފައެވެ. އެގޮތުން މާލޭގައި މިހަފްތާގެ ތެރޭގައި ހަތަރުސަތޭކަ ނުވަދިހަޔަށް ވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައިވަކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އަތޮޅުތެރެއިން ތިންސަތޭކަ ފަންސާސް ފަސް ކޭސް ރެކޯޑްކޮށްފައިވެއެވެ. އެޗްޕީއޭއިން ބުނީ މިއަހަރުގެ ތެރޭގައި އެގާރަހާސް ދުއިސައްތައަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާކަމަށެވެ.

މި ބަލި ޖެހުމަށް ވަކި ޚާއްސަ އުމުރުފުރާއެއް ނެތްނަމަވެސް، ކުޑަކުދިންނާއި ޒުވާނުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ޑޮކްޓަރުން ބުނެއެވެ. 

ކުޑަކުދިންނާއި ބޮޑެތި މީހުންނަށް  މި ބަލި ޖެހުމުން ދިމާވާ ނުރައްކާތެރި އަލާމާތްތަކުގެ ތެރޭގައި ކަރު ހިއްކުމާއި، ތުއްތު ކުދިންނަމަ ގިނައިން ރުއިމާއި، ބޯއެނބުރުން ފަދަ ކަންތައްތައް ދިމާވާނެކަމަށް ޑޮކްޓަރުން ބުނެއެވެ.

ހޮޑުލުމާއިބޭރަށް ހިންގުމުން ރައްކާތެރިވެ ތިބުމަށް އަމިއްލަ ސާފުތާހިރުކަމަށް އިސްކަންދިނުން މުހިއްމެވެ. އެގޮތުން ކެއުމުގެ ކުރިންނާއި ފާޚާނާކުރުމަށްފަހު އަތްދޮވުން މުހިއްމެވެ. މިފަދަ ދުވަސްވަރެއްގައި މީހުން އެއްވެ އުޅޭތަންނަށް ދިޔަނަމަވެސް ބޭރުން ކައި ނުހެދުމަށް އެޗްޕީއޭއިން އިލްއްތިމާސްކުރައްވައެވެ.

ހޮޑުލެވޭނަމަ ދިޔާތަކެތި ބޭނުންކުރުން އިތުރުކުރުމާއި ޖޫހާއި ސޫޕް އަދި ފެން ބޭނުންކުރުން އިތުރުކުރަންޖެހެއެއެވެ. ހޮޑުލެވޭނަމަ ހަކުރު ގިނައިން ހުންނަ ތަކެތި ބޭނުން ނުކުރުމަށާއި ފިޒީ ޑްރިންކްސް ނުވަތަ ތައްޔާރީ ބުއިންތަށް ބޭނުން ކުރުން ހުއްޓާލުމަށް ވެސް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ. މިއާއެކު ސިއްހަތަށް ފައިދާހުރި ރަނގަޅު ކާނާ ބޭނުން ކުރުމަކީ މިފަދަ ކަންކަމުން ސަލާމަތްވުމަށް ކުރެވިދާނެ މުހިއްމުކަންތައްތަކެވެ.

ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ މައްސަލަ ދިމާވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި މިފަދަ ބަލިތަކުން ސަމާލުވުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކުރައްވައެވެ.