ރާއްޖެއަށް އެތެރެކުރާ ހުރިހާ ބްރޭންޑެއްގެ ކުކުޅު ބިސް ޗެކްކޮށްފައިވާކަމަށާއި މިހާތަނަށް އެއްވެސް ސާމްޕަލަކުން ޕްލާސްޓިކްގެ އަސަރު ފެނިފައިނުވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކޮށްފިއެވެ.
ރާއްޖޭގައި ވިއްކާ ބިހާއި ގުޅޭގޮތުން ޢާއްމުންގެ މެދުގައި ޝައްކު އުފެދި އެކަމުގެ ޝަކުވާ އެމް.އެފް.ޑީ.އޭއަށް ލިބުމާއި ގުޅިގެން ބިހުގެ ސާމްޕަލް ނެގުމަށްފަހު މިހާތަނަށް ކޮށްފައިވާ އެއްވެސް ޓެސްޓަކުން ޕްލާސްޓިކްގެ އެއްވެސް އަސަރެއް ފެނިފައިނުވާކަމަށް އެމް.އެފް.ޑީ.އޭއިން މަޢުލޫމާތުދެއެވެ.
ބިސް ރައްކާކުރުމުގައި ދިމާވާ މައްސަލަތަކާއި ގުޅިގެން ބިހުގެ ކުލައާއި ރަހަ އަދި ފެންނަ ފެނުމަށްވެސް ބަދަލުއައުން އެކަށީގެންވާކަމަށް ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމް.އެފް.ޑީ.އޭގެ ސައިންޓިފިކް އޮފިސަރ އާސިފާ ލުޠުފީ ވިދާޅުވިއެވެ.
ރާއްޖެއަކީ ޑަބްލިއު.އެޗް.އޯގެ އިންޓަނޭޝަނަލް ނެޓްވޯކް އޮފް ފުޑް ސޭފްޓީ އޮތޯރިޓީގެ ފޯކަލް ޕޮއިންޓްއެއްކަމުން މިފަދަ އެއްވެސް މައްސަލައެއް އުޅޭނަމަ ރާއްޖޭގެ ސަމާލުކަމަށް އެކަން އަންނާނެކަމަށް އެމް.އެފް.ޑީ.އޭއިން މަޢުލޫމާތުދެއެވެ.