ސިޔާސީ

"އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ އަމިއްލަ މަސްލަހަތަށް"


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުޙައްމަދުގެ އިތުބާރުނެތްކަމުގެ ވޯޓުނެގުމަށް، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ، ސިޔާސީ ގޮތުންނާއި، މާލީގޮތުން އަމިއްލަ ފައިދާތަކެއް ނަހަމަގޮތުގައި ހޯދަން ބޭނުންވެގެންކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިޒް ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ، އަންނަ ހޯމަދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓުގެ މައްސަލަ ވައްދަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާކަމުގެ ވާހަކަތަކެއް ފެތުރިފައިވަނިކޮށެވެ.

ޑރ. މުޢިޒްގެ ޓްވީޓުގައި، ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރަން  މަސައްކަތް ކުރަނީ، ސިޔާސީ ގޮތުންނާއި، މާލީގޮތުން އަމިއްލަ ފައިދާތަކެއް ނަހަމަގޮތުގައި ހޯދަން ބޭނުންވެގެންކަމަށެވެ. އަދި އެއީ ޤައުމަށް ހެޔޮއެދިގެން ކުރާ ކަމެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

tw:https://twitter.com/MMuizzu/status/881123785000091648

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ނަގަން މަސައްކަތްކުރާ ވޯޓާ ގުޅޭގޮތުން، މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުނަގަން ތަކުރާރުކޮށް ކުރާ މަސައްކަތް ކާމިޔާބު ނުވާނެކަމަށާއި، އެއީ އިދިކޮޅު މެންބަރުންނާއި، ޕާޓީތަކުން އަލަށް ކުރާކަމެއް ނޫންކަމަށެވެ. އަދި އެ މަސައްކަތް އެގޮތަށް ކާމިޔާބު ނުކުރެވޭނެކަމަށެވެ.

މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގައި ޕީ.ޕީ.އެމް ތަމްސީލުކުރައްވާ ބައެއް މެންބަރުން އިދިކޮޅު ފަރާތްތަކާއި ގުޅޭނެކަމަށް ބުނެ، އިދިކޮޅު މެންބަރުން ގެންދަނީ ސޯޝަލް މީޑިއާ މެދެވުރިކޮށް ތަފާތު ވާހަކަ ފަތުރަމުންނެވެ. ނަމަވެސް މިކަން ސަރުކާރަށް ތާޢީދުކުރައްވާ މެންބަރުން ގެންދަވަނީ ދޮގުކުރައްވަމުންނެވެ. އެގޮތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާޢު ކުރެއްވި ޓުވީޓެއްގައި، އިދިކޮޅު ފަރާތްތަކުން މަޖިލިސް ރައީސްގެ އިތުބާރުނެތްކަމަށް ވޯޓުނަގަން މަސައްކަތް ކުރިނަމަވެސް އެކަމަށް ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ޕީ.އެސް.އެމް ނިއުސްއާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވީ، ޕީ.ޕީ.އެމްގެ ޕާލިމެންޓްރީ ގްރޫޕް އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ.

އިދިކޮޅު ލީޑަރުން ތަފާތު ވާހަކަތައް ފަތުރަމުންދަނީ އެފަރާތްތަކަށް ތާޢީދުކުރާ ސަޕޯޓަރުންނަށް ހިންހަމަޖެހުން ހޯދައިދޭން ކަމަށް ފަލާހް ވިދާޅުވިއެވެ.

tw:https://twitter.com/AzleenAhmed/status/881177192192909312

ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އެފަރާތްތަކުން މަސައްކަތް ކުރަނީ، ސަރުކާރުން ކުރު މުއްދަތެއްގެ ތެރޭގައި މުޅިރާއްޖެއަށް ގެންނަވާފައިވާ ތަރައްޤީއާއި، ކުރިއަށް ރާއްވަވާފައިވާ ތަރައްޤީގެ މަޝްރޫއުތައް ފެނި އެކަންކަމާ ކަންބޮޑުވެ، ރާއްޖޭގައި އޮތް ހަމަޖެހުން ނަގާލައި، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަންކަމަށް ތަކުރާރުކޮށް ސަރުކާރަށް ތާޢީދުކުރާ މެންބަރުން ދަނީ ބުނަމުންނެވެ.