ޚަބަރު

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރިއަކަށް މުޙައްމަދު އިސްމާޢީލް


މިއަހަރު ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރިއަކަށް ފ. ނިލަންދޫ  ގްރީންހެވަން އަލްޤާރީ މުޙައްމަދު އިސްމާއީލް ހޮވިއްޖެއެވެ.

މިއަހަރުގެ އަލިގަދަ ތަރި މުބާރާތުގެ ދެވަނައަށް ކ. މާލެ، ގ. ޖޫލިއަޓްގެ ފާތިމަތު މަލްދާ މުޙައްމަދު  ހޮވުނު އިރު، ތިން ވަނަ ހޮވިފައިވަނީ، ރ. ހުޅުދުއްފާރު، ނަސީމީގޭ ނަސްރަތު އިސްމާއީލްއެވެ.  

1438 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ ޝަރްފު ހޯދި ފ. ނިލަންދޫ  ގްރީންހެވަން އަލްޤާރީ މުޙައްމަދު އިސްމާއީލްއަށް އަލިގަދަ ތަރީގެ ޓްރޮފީއާއި ފަސްލައްކަ ރުފިޔާގެ ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ، މިރޭ ބޭއްވި އަލިގަދަތަރި ގްރޭންޑް ފިނާލޭގެ ޝަރަފްވެރިމެހެމާން ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްއެވެ.

މުޙައްމަދު އިސްމާއީލް، އަލިގަދަ ތަރި ކާމިޔާބުކޮށްފައިވަނީ ފައިނަލް ޝޯގައި ޤުރުއާން ހިތުން ކިޔެވުމުގެ ބަޔާއި، ކީރިތި ޤްރުޢާން ތަރުތީލުކޮށް ކިޔެވުމުގެ އިތުރުން، ތަޖުވީދުގެ ސުވާލުގެ ބައިން އެންމެ މަތީ މާކްސް ހޯދައިގެންނެވެ.

ރަމަޟާން މަހަށް ޚާއްސަކޮށްގެން ޓެލެވިޒަން މޯލްޑިވްސް ގެނެސްދިން އަލިގަދަތަރީގެ ދެވަނަ އަށް ކ. މާލެ، ގ. ޖޫލިއަޓްގެ ފާތިމަތު މަލްދާ މުޙައްމަދު ހޮވުނު އިރު، ތިން ވަނަ ހޮވިފައިވަނީ، ރ. ހުޅުދުއްފާރު، ނަސީމީގޭ ނަސްރަތު އިސްމާއީލްއެވެ.

އެންމެ އަލިގަދަ ތަރީގެ އެއްވަނައަށް ޕީ.އެސް އެމުން ފަސްލައްކަ ރުފިޔާގެ އަގުހުރި އިނާމް ހުށައަޅާފައިވާއިރު، ރައީސުލް ޖުމްހޫރިއްޔާގެ ދެނަކަނަބަލުން ދެއްވާ އިނާމާއި، އިސްލާމީ ޔުނިވަރސިޓީން ބޭނުންދާއިރާއަކުން މާސްޓާސް ހެދުމުގެ ފުރުސަތާއި، އެއްވަނައަށް މޯލްޑިވްސް ހައްޖުކޯޕަރޭޝަނުން ހުށައަޅާފައިވާ އުމްރާ ދަތުރާއި، މޯލްޑިވިއަންގެ ފަރާތުން ޗެންނާއި ދެކޮޅު ޓިކެޓާއި، އަމިއްލަ ފަރާތްތަކުން ހުށައަޅާފައިވާ އެކި އެކި އިނާމްތައް ހިމެނެއެވެ.

ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ޢާންމުކޮށް ހުޅުވާލައިގެން ޒުވާނުންނާއި އޭގެ މަތީ ޢުމުރުފުރާތަކުގެ މީހުންނަށް ޓެލެވިޒަން މޯލްޑިވްސްއިން ބޭއްވި ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ ފަސްވަނަ މުބާރާތް ބާއްވާފައިވަނީ، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ބޭއްވި އޮޑިޝަންތަކުން ހޮވުނު ބާރަ ބައިވެރިންބާއެކުގައެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށް ބާއްވާ މި މުބާރާތަކީ ޢާންމުންގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މުބާރާތެކެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ސްޕޮންސަރކޮށްގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ އެހީތެރިކަމާއެކު ޕީ.އެސް.އެމުން ބޭއްވި މިއަހަރުގެ މުބާރާތުން އެކި ވަނަ ތަކަސް ހޮވުނު ބައިވެރިންނަށް ހައްޖުދަތުރާއި، ސްކޮލަޝިޕްތަކުގެ އިތުރުން އަގުހުރި އެތައް އިނާމްތަކެއް ދީފައިވެއެވެ.