ޚަބަރު

އަލިފުއްޓަަށް އިތުރު ޖަނަރޭޓަރެއް މިއަދު ގެންދަނީ


ރ.އަލިފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަދިވެސް ހައްލު ނުވާކަމަށް އަލިފުށި ކައުންސިލުން ބުނެފިއެވެ.

އަލިފުށި ކައުންސިލްގެ ރައީސް އަބްދުﷲ ރާޒީ ވިދާޅުވީ މިކަމަށް ވަގުތީ ގޮތުން ހައްލެއް ގެނައުމަށް ފެނަކަ ކޯޕަރޭޝަނުން 600 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް އެރަށަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި މި ޖަނަރޭޓަރު މެންދުރު ފަހުގެ ވަގުތެއްގައި އަލިފުއްޓަށް ފޯރާނެކަމަށް ލަފާކުރެވޭކަމަށްވެސް ރާޒީ ވިދާޅުވިއެވެ.

އަލިފުށި ކަންޓުގެ މައްސަލަ ހައްލު ކުރުމަށް ކުރިން ފެނަކައިން 200 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ފޮނުވާފައިވި ނަމަވެސް އެރަށުގައި މިހާރު ބޭނުންކުރާ 400 ކިލޯ ވޯޓުގެ ޖަނަރޭޓަރާއި ސިންކްރޮނައިޒް ކުރުމުގައި މައްސަލަތަކެއް ދިމާވެފައިވާކަމަށާއި އެކަމުގެ ސަބަބަން ޖަނަރޭޓަރުން އެންމެ އެދެވޭ ގޮތުގައި ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވެފައިވާ ރާޒީ ވިދާޅުވިއެވެ.

ރޭ ދަންވަރު އަލިފުއްޓަށް ކަރަންޓު ދޫކުރިނަމަވެސް އަނެއްކާވެސް ހެނދުނު ކަރަންޓު ކެނޑިފައިވާކަމަށް އަލިފުށި ކައުންސިލުން ބުނެއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އަލިފުއްޓަށް ކަރަންޓުގެ މައްސަލަ ދިމާވެފައިވަނީ އެރަށުގައި ބޭނުން ކުރާ 600 ކިލޯ ވޯޓުގެ ޖަނަރޭޓަރުގެ ރޭޑިއޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށެވެ. މިކަން ހައްލުކުރުމަށް މިދިޔަ މަހުގެ ތެރޭގައި ރާއްޖެއިން ބޭރުން ރޭޑިއޭޓަރެއް ގެނައުމަށް އޯޑަރު ކޮށްފައިވާކަމަށާއި، ޖުލައި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ރޭޑިއޭޓަރު ލިބި ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލު ކުރެވޭނެކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.