ޚަބަރު

އުދައަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި


އުދަ އަރާ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އިލްތިމާސް ކޮށްފިއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މިކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވަނީ މާލެއަށާއި، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރައްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަރާފާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާތީއެވެ.

ވޭތުވެދިޔަ ދެ ދުވަހު، މާލެއަށާއި ރާއްޖޭގެ ބައެއް ރަށްރަށަށް އުދައިގެ އަސަރު ކޮށްފައިވެއެވެ. އެގޮތުން މާލޭގެ ކާނިވާ ސަރަހައްދަށާއި ރާޅު ގަނޑު ސަރަހައްދަށްވެސް އުދަ އަރާފައިވެއެވެ. އަދި މިއަދު ބައެއް ރަށްތަކަަށް ކޮންމެވެސް ވަރަކަށް އުދައިގެ އަސަރުކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ.

މެޓް އޮފީހުން ބުނީ މި ދުވަސްވަރު އުދަ އަރަމުންދަނީ އާއްމުކޮށް ހުންނަވަރަށްވުރެ ދިޔަވަރު ބޮޑުވުމުގެ ސަބަބުންކަމަށެވެ.

މެދުރާއްޖެތެރެއަށް ދިޔަވަރު ބޮޑުވާނީ މެންދުރުވަގުތުގައެވެ. މިއަދު ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށްވެސް އެއިދާރާއިން މަޢުލޫމާތުދެއެވެ. ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކުގެ ދިޔަވަރު އާދައިގެ ވަރަކަށް ބޮޑުވިނަމަވެސް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކުރެއެވެ.