ޚަބަރު

އަލިފުށީގެ ކަރަންޓް މައްސަލަ ހައްލުކުރެވިއްޖެ- ފެނަކަ


މާޅޮސްމަޑުލު އުތުރުބުރީ އަލިފުއްޓަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް އެރަށަށް ވަގުތީގޮތުން ޖަނަރޭޓަރެއް ފޮނުވާފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ އަލިފުށިން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވީ، އެރަށުގައި ބޭނުންކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން 600 ކިލޯ ވޮޓުގެ ޖަނަރޭޓަރުގެ ރޭޑިއޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށެވެ. އަދި މިމައްސަލައާއި ގުޅިގެން ކަރަންޓް ކެނޑެނީ ކަރަންޓް ދޫކުރާ ލޯޑު ދަށްކުރުމާއި ގުޅިގެން ކަމަށެވެ.

ޝަރީފް ވިދާޅުވީ އަލިފުށީގައި ބޭނުންކުރާ ޖަނަރޭޓަރުގެ ރޭޑިއޭޓަރަށް ދިމާވި މައްސަލަ ހައްލުކުރުމަށް ރާއްޖެއިން ބޭރުން ރޭޑިއޭޓަރެއް ގެނައުމަށް މިދިޔަ މަހުގެތެރޭގައި އޯޑަރު ކޮށްފައިވާކަމަށާއި، އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ރޭޑިއޭޓަރު ލިބި ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލު ކުރެވޭނެކަމަށް އުއްމީދުކުރާކަަމަށެވެ.

މިކަމާ ގުޅިގެން އަލިފުށީ ކައުންސިލުން ނެރުނު ލިޔުމެއްގައި ބުނެފައިވަނީ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ޚިދުމަތް މެދުނުކެނޑި ލިބެން ބޭނުންވާކަމަށެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންގެ މުދަލަށް އެކިވަރުގެ ގެއްލުން ލިބެމުންދާކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.

އާބާދީގައި އެއްހާސް އައްސަތޭކައަށްވުރެ ގިނަ މީހުން ދިރިއުޅޭ އަލިފުށީގައި މިހާރު ބޭނުންކުރަމުންދަނީ ހަތަރުސަތޭކައާއި، ހަސަތޭކަ ކިލޯ ވޮޓުގެ ދެ ޖަނަރޭޓަރެވެ.