ކުޅިވަރު

ޗިލީ އަކީ ފޭވަރިޓުން - ޕޯޗުގަލް ކޯޗް


ޗިލީއަކީ މުބާރާތުގެ މިފަހަރުގެ ފޭވަރިޓުން ކަމަށާއި، ނަމަވެސް ޕޯޗްގަލް ފައިނަލަށް ގެންދަން ކުރެވުންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ކޯޗް ފެރްނާންދޯ ސަންތޯސް ބުނެފިއެވެ. 

ފީފާ ކޮންފެޑެރޭޝަން ކަޕް ސެމީފައިނަލްގައި މާދަމާ ރޭ ސައުތުއެމެރިކާގެ ޗެމްޕިއަން ޗިލީއާ ދެކޮޅަށް ނިކުންނަ މެޗާ ގުޅޭ ގޮތުން ކޯޗް ސަންތޯސް ބުނީ މުބާރާތުގެ އެންމެ ވަރުގަދައީ ޗިލީއާ ޖަރުމަނު ކަމަށާއި، ވަކި ޓީމަކާއެކު ސެމީފައިނަލްގައި ަބއްދަލް ކުރަން ޕޯޗްގަލްއަށް ފަސޭހަ ނުވާނެ ކަމަށެވެ. ސްކޮޑްގެ ގޮތުން ގިނަ ޓީމްތައް މިފަހަރު ހަމަހަމަ ކަމަށާއި، ކޮންމެ މެޗަކީވެސް ޕޯޗްގަލްއަށް ޓެސްޓެއް ކަމަށް ކޯޗް ސަންތޯސް ބުންޏެވެ. 

ސެމީފައިނަލް މެޗަށް ނިކުންނައިރު ޕޯޗްގަލް އޮތީ ރަނގަޅު ފޯމެއްގައެވެ. އެޓީމް ސެމީއިން ޖާގަ ހޯދީ ނިއުޒީލެންޑްގެ މައްޗަށް ހަތަރު ލަނޑު ސުންލަނޑުން ކުރި ހޯދައިގެންނެވެ. ނަމަވެސް ސަސްޕެންޝަނުގެ ސަބަބުން ޓީމްގެ އެންމެ މުހިންމު ޑިފެންޑަރ ޕެޕޭއަށް މާދަމާ ރޭގެ މެޗުގައި ނުކުޅެވޭނެއެވެ. 

މީގެ އިތުރުން ޕޯޗްގަލްގެ މެދުތެރެއަށް ކުޅެމުން އަންނަ ބާނާޑޯ ސިލްވާވެސް އަނިޔާގެ ސަބަބުން އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ބައިވެރިއެއް ނުވެއެވެ.