ކުޅިވަރު

ތަމްރީން ހޯދުމަށް ބާސްކެޓް ކުޅުންތެރިޔާ އަދުހަމް ސްޕެއިންއަށް


ދެ މަސްދުވަހުގެ ތަމްރީން ޕްރޮގްރާމަކަށް ރާއްޖޭގެ ގައުމީ ބާސްކެޓް ސްކޮޑުގައި ހިމެނޭ އަހުމަދު އަދުހަމް ސްޕެއިންއަށް ފުރައިފިއެވެ. 

ކުޑަހެންވޭރު ޔުނައިޓެޑަށް ކުޅެމުން އަންނަ އަދުހަމް ސްޕެއިންގައި ތަމްރީންތައް ފުރިހަމަކުރާނީ ސްޕެއިންގެ ބާސެލޯނާގައި ހުންނަ އިންޓަރނޭޝަނަލް ބާސްކެޓްބޯޅަ އެކަޑެމީގައެވެ. ޓްރެއިނިންގއަށް ފުރުމުގެ ކުރިން އަދުހަމް ބުނީ ދިގު އިންތިޒާރަކަށްފަހު މި ލިބުނު ފުރުސަތަކީ ބާސްކެޓްބޯޅަ ކެރިއަރުގައި ކުރިއަށްދާން ލިބުނު ބޮޑު ހިތްވަރެއްކަމަށާއި، މި ފުރުސަތު ލިބުނީ ގިނަ ބައެއްގެ އެހީތެރިކަމާއިއެކުގައިކަމަށެވެ.

" ދިވެހި ކުޅުންތެރިންނަށް ރާއްޖޭއިން ބޭރުގެ އެކަޑެމީތަކުން އެކަށީގެންވާވަރުގެ ތަމްރީން ލިބިއްޖެނަމަ ރާއްޖޭގެ ބާސްކެޓްބޯޅައިގެ ފެންވަރު ރަނގަޅުވާނެ. އުއްމީދަކީ މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފައި ގިނަ ކަންތައްތަކެއް ދަސްކުރުން"  އަދުހަމް ބުންޏެވެ. 

މި ތަމްރީން ޕްރޮގްރާމަށް ދިޔުމަށް އެކި ގޮތްގޮތުން އޭނާއަށް އެހީތެރިވި ފަރާތްތައް އަދުހަމްވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް، 100 ޕްލަސް މޯލްޑިވްސް، ސްޓާރސް އެކަޑެމީގެ ރައީސް ހުސައިން ޒަމީލް، ކުޑަހެންވެއިރު ޔުނައިޓެޑްގެ ރައީސް އިބްރާހިމް އަލީފް ރައުފް، ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ހުސައިން ޝަރީފާއި ގައުމީ ޓީމްގެ ކެޕްޓަން މުޙައްމަދު ޒިލާލްގެ ނަން އަދުހަމް ވަރަށް ބޮޑަށް ފާހަގަކުރިއެވެ.