ޚަބަރު

ޙަރަމްފުޅަށް ދާން އޮންނަ ބައެއް މަގުތައް ބަންދުކޮށްފި


ސަޢޫދީ ޢަރަބިއްޔާގެ މާތްވެގެންވާ މައްކާގެ ޙަރަމްފުޅަށް އަމާޒުކޮށް މިރޭ ދޭންއުޅުނު ޓެރަރިސްޓު ޙަމަލާއާ ގުޅިގެން ޙަރަމްފުޅަށް ދާން އޮންނަ ބައެއް މަގުތައް ބަންދުކޮށްފިއެވެ.

މިވަގުތު މައްކާގައި ހުރި ޕީއެސްއެމް ނިއުސްގެ އެޑިޓަރު މުޙަންމަދު އަފްސަލް ބުނީ ޙަރަމްފުޅަށް ދަމުނަމާދަށް ދާން ނުކުތް މީހުން މަގުތަކުގައި ތޮއްޖެހިފައިވާކަމަށެވެ. މިރޭގެ ހާދިސާއާގުޅިގެން ހަރަމްފުޅު ހިމެނޭ ސަރަޙައްދުގައި ސަޢުދީ ޢަރަބިއްޔާގެ ސަލާމަތީ ބާރުތަކުން ވަނީ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށްފައެވެ.

tw:https://twitter.com/PSMnewsmv/status/878377174780096512

މިރޭ ބަޔަކު ދޭން އުޅުނު ހަމަލާ ސައުދީ ސަލާމަތީ ބާރުތަކުން ވަނީ ނާކާމިޔާބުކޮށްލާފައެވެ. 

ޚަބަރުތައް ބުނާގޮތުގައި ސައުދީ ޢަރަބިއްޔާގެ 3 ސަރަޙައްދަކުން މިފަދަ ޙަމަލާތަކެއް ދޭން އުޅުނުކަމުގެ ތުހުމަތުިގައި ބަޔަކުވަނީ ހައްޔަރުކޮށްފައެވެ. އެއީ މައްކާގެ 2 ސަރަހައްދަކުންނާއި، ޖިއްދާގެ ސަރަޙައްދަކުންނެވެ. މިޙަމަލާތައް ހުޓުވުމަށް ޓެރަރިސްޓުންނާ ކުރިމަތިލައި ކުރި މަސައްކަތަކުގައި ސަޢުދީ ސަލާމަތީ ބާރުތަކުގެ ސިފައިންގެ ބައެއް މީހުންނަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.

ސަޢޫދީ ދާޚިލީ ވުޒާރާއިން ބުނީ މިހަމަލާ ދޭން އުޅުނީ ރަމަޟާން މަހުގެ 28 ވަނަ ދުވަހުގެ ރޭ ޙަރަމްފުޅުގައި ތަރާވީޙު ނަމާދު ކުރަމުން ދަނިކޮށްކަމަށާ ސަޢޫދީހެ އަމަނާބެހޭ ފަރާތްތަކުން އެހަމަލާ ހުއްޓުވާފައިވާކަމަށެވެ. އެހަމަލާއާ ބެހޭ މާބޮޑު ތަފްސީލެއް ސައޫދީ ދާޚިލީ ވުޒާރާއިން އަދި ދީފައެއްނުވެއެވެ. ނަމަވެސް ޓެރަރިސްޓް ގްރޫޕްތަކެއް ސަޢޫދީ ގެ ޖިއްދާއާއި މާތްވެގެންވާ މައްކާގެ ދެ ސަރަހައްދެއް ކަމަށްވާ އަލްޢުސައިލާ ސަރަޙައްދާއި އަލްއަޖްޔާދު ސަރަޙައްދުގައި ފިލައިގެން އުޅޭކަމަށާ މިތިންސަރަހައްދުން ޓެރަރިސްޓުންގެ ފަސްމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ސަޢުދީ ދާޚިލީ ވުޒާރާއިން ބުނެއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނަކު ހިމެނޭ ކަމަށްވެސް ސައޫދީ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިރޭ ޙަރަމްފުޅުގައި ކުރިއަށްދިޔަ ތަރާވީޙް ނަމާދާ ދިމާކޮށް ދޭންއުޅުނު މިޙަމަލާ ސަޢުދީ ސަލާމަތީ ބާރުތަކުން ނާކާމިޔާބުކޮށްލާފައިވާއިރު، ޤުރްއާން ޚަތިމުކުރުމަށް މިރޭ ޙަރަމްފުޅުގައި ކުރި ތަރާވީޙް ނަމާދުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް މިލިއަން މުސްލިމުންނެއް ބައިވެރިވިއެވެ.