ޚަބަރު

މިއަހަރު ޒަކާތުގެގޮތުގައި ބޮލަކަށް 1250 ރުފިޔާ!


މި އަހަރު ފިޠުރު ޒަކާތް ލިބެންޖެހޭ މީހުންގެތެރެއިން ބޮލަކަށް 1250 ރުފިޔާ ބަހަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމައިފިއެވެ. 

މިދިޔަ އަހަރު މާލެ ސަރަޙައްދުގައި ފަގީރުންގެ ގޮތުގައި ލިސްޓުކޮށްފައިވާ މީހުންނަށް ބާހާފައިވަނީ ބޮލަކަށް އަށްސަތޭކަ ރުފިޔާއެވެ. 

ފިތުރު ޒަކާތް ދެއްކުމުގެ ކަންކަން މިފަހަރު ހީވެސް ނުކުރާހާ ރަނގަޅަށް ކުރިއަށްދާކަން އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރަމަޟާން މަހުގެ މިހާތަނަށް އައިއިރު، މާލެ ސަރަޙައްދުން ހަތްދިހަފަސް ހާސް މީހުން، ފިތުރު ޒަކާތުގެ ގޮތުގައި 3.4 މިލިޔަން ރުފިޔާ އިސްލާމިކް އެފެއާޒް މިނިސްޓްރީއަށް ވަނީ ދައްކާފައެވެ. 1437 ވަނަ އަހަރު މާލެ ސަރަހައްދުން ފިތުރު ޒަކާތުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީއަށް ބަލައިގެންފައިވަނީ 2.7 މިލިޔަން ރުފިޔާއެވެެ. އެހެން ކަމުން މިފަހަރު ފަޤީރުންގެ ގޮތުގައި ލިސްޓުކުރެވިފައިވާ 3170 މީހުންގެ މެދުގައި ބަހާލުމުން ބޮލަކަށް 1250 ރުފިޔާ ޖެހެނީ މިއަހަރު ފިތުރު ޒަކާތް ދެއްކި މީހުންގެ ޢަދަދު އިތުރުވުމުންކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ހާމަކުރެއެވެ. ޕީ.އެސް.އެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރުގެ ނާއިބު އައްޝައިޚް އިބްރާހީމް އަހްމަދު ވިދާޅުވީ، މާލެ އޭރިއާގައި ހިމެނޭ، މާލެ، ހުޅުމާލެ، ވިލިމާލޭގައި ފިތުރު ޒަކާތް ދެއްކުމުގެ ކަންކަމަށް  ބޮޑު ކުރިއެރުމެއް ލިބެމުން އަންނަ ކަމަށެވެ.

ފަގީރުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފައިސާއިން ޒަކާތް ބެހުންއޮންނާ ރަމަޟާން މަހުގެ ހަތާވީސް ވަނަ ދުވަހުން ފެށިގެން،  އޮނަ ތިރީސް ވަނަދުވަހުގެ ނިޔަލަށް، އިސްލާމީ މަރުކަޒުގައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ފަޤީރުންގެ ޢަދަދު ނިސްބަތުން މަދުވަމުން އަންނަކަމަށާއި، އެއާއެކު ޒަކާތްދައްކާ މީހުންގެ ޢަދަދު ގިނަވަމުންދާކަން އިސްލާމިކް މިނިސްޓްރީން ފާހަގަކުރައްވައެވެ. 

ދިވެހިންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ފައިސާއިން ޒަކާތް ދައްކަމުންދާއިރު، މިއަހަރުވެސް ގޮވާމުން ފައިސާ ދެއްކޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. މިރަމަޟާން މަހުގެ ނަވާވީސް ވަނަ ދުވަހުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ވަކި ގަޑިތަކުގައި އެމިސްޓްރީން ޒަކާތް ބަލައިގަންނަމުންދާ އިރު، ވިލިމާލެ އާއި ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ކުޑަކުދިންގެ ހިޔާތަކަށްވެސް ފިތުރުޒަކާތުގެ ގޮތުގައި ލިބޭ ފައިސާއިން އެހީތެރިކަން ފޯރުކޮށްދޭން ފާހަގަކުރެވެއެވެ.