ޚަބަރު

އިންޑޮނޭޝިއާ އާއެކު ޓޫރިޒަމް ދާއިރާއިން ގުޅުން ބަދަހި ކުރަނީ


މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. މުޙައްމަދު އާސިމް އިންޑޮނޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ޓޫރިޒަމް މިނިސްޓަރ، އާރިފް ޔަހްޔާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް ދާއިރާއިން ދެޤައުމު ގުޅިގެން މަސަތްކަތްކުރެވިދާނެ ގޮތްތަކާމެދު ވަނީ މަޝްވަރާކުރައްވާފައެވެ.

އިންޑޮނޭޝިޔާގެ ގިނަ މަސައްކަތްތެރިންތަކެއް ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާކަން ފާހަގަކުރައްވަމުން، މިނިސްޓަރ ޑރ.އާސިމް ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަގައި ދޭދޭ މީހުންގެ މެދުގައި އުފެދޭ ގުޅުން މުހިންވެގެންދާނެކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޑރ.އާސިމްގެ މި ދަތުރުފުޅުގައި އިންޑޮނޭޝިޔާގެ މިނިސްޓަރ ފޯރ މެރިޓައިމް އެންޑް ފިޝަރީޒް، ސުސީ ޕުދިއާސުޓީއާއި އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރ ރެޓްނޯ މަރސުދީއާއިވެސް ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުންތަކުގައި ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހި ކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ މަސްރަހުގައި، ޚާއްސަކޮށް އދ ގެ ތެރެއިން ދެޤައުމު އެކުގައި މަސަތްކަތްކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.