ޚަބަރު

ޤަވާއިދާ ޚިލާފަށް ކުނިއުކާ ފަރާތްތަކަށް ފިޔަވަޅުއެޅުން ފަސްކޮށްފި


ޤަވާޢިދާ ޚިލާފަށް ކުނިއުފުލާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަން ފަށާ ތާރީޚު، އެއް މަސްދުވަހުގެ މުއްދަތަށް ފަސްކުރުމަށް ވެމްކޯއިން ނިންމައިފިއެވެ.

ވެމްކޯއިން މިގޮތަށް ނިންމީ އެކުންފުނިން ދެމުންދާ ކުނި އުކާދިނުމުގެ ޚިދުމަތުގައި ރެޖިސްޓްރީ ވުމަށް އާންމުންނަށް އިތުރު ފުރުޞަތު ދިނުމުގެ ގޮތުންނެވެ. ކުރިން އެކުންފުނިން ކަނޑައަޅާފައިވަނީ، ޤައިދާ ޚިލާފަށް ކުނި އުފުލާ ފަރާތްތަކާމެދު އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅަންފަށާގޮތަށެވެ.

އެންވަޔަރުމަން މިނިސްޓްރީއާއި ވެމްކޯއިން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ ފަނަރަ ވަނަ ދުވަހުން ފެށިގެން ޤަވާއިދާ ޚިލާފަށް ކުނި އުފުލާ ފަރާތްތައް ހުއްޓުވައި ނަސޭހަތް ދޭނެކަމަށެވެ. އަދި މިކަން ތަކުރާރުވާނަމަ، އެ ފަރާތްތަކަށް އިންޒާރުދީ އެކެއް އޯގަސްޓުން ފެށިގެން ފިޔަވަޅު އަޅަންފަށާނެކަމަށެވެ.

ވެމްކޯއިން ވިދާޅުވީ މާލޭގެ ގޭގެއިން ކުނި އުކާލުމުގައި ބޭނުންކުރާނެ އިކްއިޕްމަންޓް މިހާރު ގެނެސްފައިވާ ކަމަށާއި، މިކަމަށް މުވައްޒަފުން ހަމަޖައްސައި، މިޚިދުމަތް ދިނުމަށް ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަންނުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. މިގޮތުން މާލޭގެ ކޮންމެ ސަރަޙައްދަކުން ވިޔަސް، އެކަމަށް އެދޭ ފަރާތްތަކުގެ ކުނި އެފަރާތްތަކުގެ ގޭގެއިން ނަގައިދިނުމުގެ ޚިދުމަތް ދިނުމަށް ވެމްކޯއިން ތިބީ ތައްޔާރަށް ކަމަށް ވެސް މި ނޫސްބަޔާނުގައި ވިދާޅުވެއެވެ.