ޚަބަރު

މައުމޫން ފައުންޑޭޝަނުން އިހްޔާ ފޯރަމެއް ބާއްވައިފި


މައުމޫން ފައުންޑޭޝަނުން އިންތިޒާމް ކޮށްގެން ޚާއްޞަ އިހްޔާ ފޯރަމެއް ބާއްވައިފިއެވެ. މި ފޯރަމް ޚާއްސަކޮށްފައިވަނީ "ރަމަޞާން މަސް ޚާއްސަ މަހަކަށްވުމުގެ މާނައަކީ ކޮބާ" މި މަޢުޟޫއަށެވެ. 

މި މަޢުޟޫއަށް ވާހަކަ ދައްކަވާފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛް މަޢުމޫން ޢަބްދުލް ޤައްޔޫމެވެ.

މި ފޯރަމުގައި ރައީސް މަޢުމޫން ވަނީ ރަމަޞާން މަސް ޚާއްސަވާ ފަސްކަމެއްގެ މައްޗަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ލައިލަތުލް ޤަދުރި ވިލޭރޭގެ ޚާއްޞަ ކަމުގެ މައްޗަށް ރައިސް މަޢުމޫން ވަނީ ބައްލަވާލައްވާފައެވެ. ރައީސް މަޢުމޫންގެ ވާހަކަފުޅުގައި ލައިލަތުލް ޤަދްރިވިލޭރޭ ހާސިލް ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ފަރުޟު ފަސް ނަމާދަށް ރައްކާތެރި ވުމާއެކު، ސުންނަތް ނަމާދުތައް ކުރުން އިތުރު ކުރުންކަމަށް ވިދާޅުވިއެވެ.

ކީރިތި ޤުރުއާންގައިވާ، ލައިލަތުލް ގަދްރި ވިލޭރެއާ ބެހޭ ވާހަކަތައް ތަފްސީލްކޮށްދެއްވުމުގެ އިތުރުން އެރެއާ ބެހޭގޮތުން ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅުތަކުގެ މައްޗަށްވެސް ރައީސް މަޢުމޫން އަލިއަޅުވާލައިފައިވެއެވެ. އަދި ރަމަޟާން މަހަކީ ނަފްސުތައް އިސްލާހުކުރުމަށާއި، ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް ލިބޭ ފުރުޟަތެއްކަންވެސް ރައިސް މައުމޫން ފާހަގަކުރެއްވިއެވެ.

މިއަހަރު ބޭއްވި އިހުޔާފޯރަމަކީ މަޢުމޫން ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި އަށްވަނަ ފޯރަމެވެ.