ކުޅިވަރު

އެތުލެޓިކޯ މެޑްރިޑަށް ދާން ބޭނުންވާ ކަމަށް ޑިއޭގޯ ކޮސްޓާ ބުނެފި


ޗެލްސީ ދޫކޮށް ދާނީ އެތުލެޓިކޯ މެޑްރިޑަށް ކަމަށް ޑިއޭގޯ ކޯސްޓާ ބުނެފިއެވެ.

 ޗެލްސީގެ ފޯވާޑް އަލުން އެނބުރި އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑަށް ދާން ބޭނުންވާ ކަން އިޢުލާން ކުރީ ޗެލްސީގެ ކޯޗް ކޮންޓޭގެ ޕްލޭންގައި އޭނާ ނެތްކަން ހާމަކުރުމުންނެވެ. ޑިއޭގޯ ކޯސްޓާއަށް ޖޫން 8 ވަނަ ދުވަހު ކޯޗް އެންތޯނިއޯ ކޮންޓޭ ކުރި މެސެޖެއްގައި ބުނެފައިވަނީ އަންނަ ސީޒަނަށް ތައްޔާރުވާ ޗެލްސީ ޓީމްގައި ކޮސްޓާ ނުހިމެނޭނެ ކަމަށެވެ. 

މީގެ ތިން އަހަރު ކުރިން އެތުލެޓިކޯ މެޑްރިޑް ދޫކޮށް ކޮސްޓާ ޗެލްސީއަށް ބަދަލުވީ 32 މިލިއަން ޕައުންޑަށެވެ. 28 އަހަރުގެ ކުޅުންތެރިޔާ ވަނީ މިދިޔަ ސީޒަންގައި ޗެލްސީއަށް 35 މެޗުގައި 20 ގޯލް ކާމިޔާބުކޮށްދީފައެވެ. ކޮސްޓާ އެތުލެޓިކޯއަށް ދާން ބޭނުންވި ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީގެ ކުރިން އެތުލެޓިކޯ ޖާޒީގައި އޭނާއަކަށް ނުކުޅެވޭނެއެވެ. ފީފާއިން އެތުލެޓިކޯ މެޑްރިޑަށް ދީފައިވާ ޓްރާންސްފަރ ބޭން ހަމަވާނީ ޖެނުއަރީމަހުއެވެ. އެހެންކަމުން އެންމެ އަވަހަށްވެސް އެތުލެޓިކޯ މެޑްރިޑަށް ކުޅުންތެރިން ގަނެވޭނީ ޖެނުއަރީމަހުއެވެ.