ކުޅިވަރު

އޭޝިއަން ކްލަބް ޗެމްޕިއަންޝިޕްގެ ފުރުސަތު މޯލްޑިވިއަންއަށް


އޭޝިއަން ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ފުރުސަތު ލިބުނު މޯލްޑިވިއަން ރެކްރިއޭޝަން މުބާރާތައް ތައްޔާރުވާން ފަށައިފިއެވެ. 

އޭޝިއަން ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕުން މޯލްޑިވިއަންއަށް ފުރުސަތު ލިބުނީ މިދިޔަ އަހަރު ރާއްޖޭގެ ޗެމްޕިއަންގެ ހައިސިއްޔަތުންނެވެ. ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްކަމުން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މެނޭޖަރ އަހުމަދު ސިނާން ބުނީ މި މުބާރާތުގައި މޯލްޑިވިއަން ވާދަކުރަން ޖެހެނީ ޖަޕާން، ޗައިނާ އަދި ތައިލެންޑްގެ ޗެމްޕިއަނުންނާއިއެކުކަމަށާއި، އެ ޓީމްތަކުގެ ފެންވަރު ހުރިހާ ގޮތަކުންވެސް ތަފާތުވާނެކަމަށެވެ. 

"މި މުބާރާތަށް ފުރުސަތުލިބުނީ މިދިޔަ އަހަރުގެ ގައުމީ ޗެމްޕިއަންގެ ހައިސިއްޔަތުން. އޭޝިޔާގެ އެންމެ ވަރުގަދަ ތިން ގައުމާއި ކުޅެން ޖެހެނީ، އެކަމަކުވެސް އުއްމީދަކީ ރަނގަޅު ފައިޓެއް ދިނުން، ފައިޓެއް ދެވުނަސް ވަރަށް ބޮޑު ކުރިއެރުމެއް ޓީމަށް ލިބޭނެ" ސިނާން ބުންޏެވެ.

ސިނާން ބުނީ މި މުބާރާތަކީ ދިވެހިކުޅުންތެރިންނަށް ބޮޑު ތަޖުރިބާއަކަށްވާނެކަމަށާއި، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނާއި ދެކޮޅަށް ކުޅެ ގިނަ ކަންތައްތަކެއް ދަސްކުރަން ލިބޭ ފުރުސަތެއްކަމަށެވެ. މިފަހަރު މޯލްޑިވިއަން ޓީމުގައި ބިދޭސީ އެއްވެސް ކުޅުންތެރިއަކު ނުހިމެނޭނެކަމަށާއި، އެ ކްލަބުން ބޭނުންވަނީ ދިވެހި ކުޅުންތެރިންނަށް މި މުބާރާތުގައި ވާދަކޮށްލުމުގެ ފުރުސަތު ހޯދައިދޭންކަމަށްވެސް ސިނާން ފާހަގަކުރިއެވެ.

އޭޝިއަން ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް ކުރިއަށްދާނީ މިމަހު ފަހުކޮޅު ވިއެތްނާމްގައެވެ.