ސިއްހަތު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަކަށް


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ޒަމާނީ ފެންވަރުގެ ޙިދުމަތް ދިނުމުގެ އެއްބަސްވުމުގައި އިންޑިޔާގެ އެންއައިއައިއާއެކު ސޮއިކޮށްފިއެވެ.

ހެލްތް މިނިސްޓްރީން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އަބްދުﷲ ނާޒިމްއެވެ. ނޫރުލް އިސްލާމް އިންޓަނޭޝަނަލްފްރައިވެޓް ލިމިޓެޑް ( އެންއައިއައި) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މޭނޭޖިންޑިރެކްޓަރ ފައިޒަލް ހާން އާއި އެ ކުންފުނީގެ ޑިރެކްޓަރ ޢަލީ ޢުސައިދްއެވެ. މި އެއްބަސްވުމުގެ ދަށުން އެކި ދާއިރާތަކުގެ ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޚިދުމަތް ކުޅުދުއްފުށީ ހޮސްޕިޓަލުން ލިބިގެންދާނެއެވެ.

ޑައިގްނޯސްޓިކް ޙިދުމަތަށް ބަލާއިރު ލެބޯޓްރީގެ ޙިދުމަތާއި ސީޓީ ސްކޭންގެ ޙިދުމަތުގެ އިތުރުން އެމް.އާރު.އައި ސްކޭންގެ ޙިދުމަތްވެސް ލިބިގެންދާނެއެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާތާ 16 މަސްދުވަހުގެ ތެރޭގައި 50 އެދުން 150 އެދަށް ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީ އިތުރުކުރަންޖެހެއެވެ. މީގެ އިތުރުން ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ޙިދުމަތްވެސް ލިބިގެންދާނެއެވެ.

މި އެއްބަސްވުމުގެ ދަށުން އަންނަ ޖުލައިމަހުގެ ދިހަ ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހިންގުމާއި އެންއައިއައި އިން ހަވާލުވާނެއެވެ. އެންއައިއައިގެ މެނޭޖިންގ ޑިރެކްޓަރ ފައިޒަލް ވިދާޅުވީ އަމާޒަކީ ހޮސްޕިޓަލާ ހަވާލުވާތާ 90 ދުވަހުގެ ތެރޭގައި ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެނައުންކަމަށެވެ.

އެންއައިއައި އަކީ އިންޑިޔާގެ މަޝްހޫރު ނިމްސް ހޮސްޕިޓަލްވެސް ހިންގާ ކުންފުންޏެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓަރޝަރީ ހޮސްޕިޓަލް ބިނާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން އައްޑޫ ސިޓީގައި ތަރައްޤީކުރައްވާ 100 އެނދުގެ ހޮސްޕިޓަލް ތަރައްޤީ ކުރެއްވުމަށް އައްޑޫ ކޮންވެޝަން ސެންޓަރު ތައްޔާރު ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ތެރޭގައި އެލިއާ ކޮންސްޓްރަކްޝަނާ ސަރުކާރުންވަނީ ހަވާލު ކުރައްވާފައެވެ.