ވިޔަފާރި

"ވެކޭޝަން އެކްސްޕޯ 2017 "ގެ ޕާޓްނަރުންގެ ގޮތުގައި 11 ފަރާތެއް


ދިވެހިން ޗުއްޓީ ހޭދަކުރާ މަންޒިލްތަކާއި ބެހޭ މައުލޫމާތު ހިއްސާކުރުމަށް ހައިރައިޒުން ބާއްވާ "ވެކޭޝަން އެކްސްޕޯ 2017 " ގެ މެއިން ސްޕޮންސަރަކަށް އިނަރމޯލްޑިވްސް ހޮލިޑޭޒް ހަމަޖައްސައި، އެކްސްޕޯގެ ޕާޓްނަރުންގެ ގޮތުގައި 11 ފަރާތަކާއެކު ސޮއިކޮށްފިއެވެ.

މިދިޔަ އަހަރު ފެށި ވެކޭޝަން އެކްސްޕޯ، ބޮޑު އީދު ޗުއްޓީއާ ދިމާކޮށް މިއަހަރުވެސް ބާއްވަން ހަމަޖެހިފައިވާއިރު، އެކްޕޯގެ ސްޕޮންސަރުންނާއި، ޕާޓްނަރުންނާއެކު ސޮއިކޮށްފައިވަނީ އުނިމާ ގްރޭންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި އެކްސްޕޯގެ މެއިން ސްޕޮންސަރުގެ ގޮތުގައި އިނަރމޯލްޑިވްސް ހޮލިޑޭޒްއާއެކު ސޮއިކޮށްފައިވާއިރު، އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި އެމް.ވީ.ހޮޓެލްސްއާއެކު ވަނީ ސޮއިކޮށްފައެވެ.

އަންނަ މަހުގެ ހަޔަކުން އަށަކަށް ބާއްބާ ވެކޭޝަން އެކްސްޕޯގެ ޓެލެކޮމް ޕާޓުނަރަކީ އުރީދޫއެވެ. ޓީ.ވީ ޕާޓްނަރަކީ ޕީ.އެސް.އެމްގެ ޓީވީއެމްއެވެ.

ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުން ހަވާލުކޮށްފައިވަނީ އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަނާއެވެ. ސައުންޑް އެންޑް ލައިޓް ޕާޓްނަރ އަށް ސްޓޭޖްކޯ ހަމަޖައްސާފައިވާއިރު، އިންޝުއަރެންސް ޕާޓްނަރަކީ އަމާނާތަކަފުލް އިންޝުއަރެންސްއެވެ.

ހޮސްޕިޓާލިޓީ ޕާޓްނަރ އަށް އުނިމާ ގްރޭންޑާއެކު ސޮއިކުރި އިރު، ޕްރިންޓް ޕާޓްނަރ އަކަށް އެމް.ސެވަން ހަމަޖައްސައި، އޮންލައިން މީޑިއާ ޕާޓްނަރއެއްގެ ގޮތުގައި މިހާރު ނޫހާއެކު ހައިރައިޒުން ވަނީ ސޮއިކޮށްފައެވެ. ވެކޭޝަން އެކްސްޕޯގެ ޓްރެވެލް ޕާޓްނަރަކަށް މިފަހަރު ހަމަޖައްސާފައިވަނީ، މޯލްޑިވްސް އިންސައިޑަރ އަދި، އައިލެންޑް ޗީފްއެވެ.

މިސަރަހައްދުގެ ބައެއް ޤައުމުތަކުގެ ވިޔަފާރިތައް މިއެކްސްޕޯގެ ކޯ-ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސާފައިވާއިރު، ޓްރެވަލް އެޖެންސީތަކާއި،  އެއަރ ލައިންތަކުގެ އިތރުން ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކުންވެސް މިއެކްސްޕޯގައި ބައިވެރިވާނެކަމަށް ހައިރައިޒުން ބުނެއެވެ.

ރާއްޖޭގެ ސަރަހައްދުތަކަށާއި އަވައްޓެރި ޤައުމުތަކަށްވެސް ފަސޭހަކަމާއި އަގުހެޔޮކޮށް  ދަތުރުކުރެވޭނެ ގޮތްތަކުގެ މައުލޫމާތު މިއެކްސްޕޯގެ ބައިވެރިންނަށް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތައްވެސް ކުރިއެރުންތަކެއް ލިބޭނެ އެކުސްޕޯއެއްގެ ގޮތުގައި ހައިރައިސްއިން ދެކެއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް "މަޓާޓޯ"އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން "އެމް.އެމް.ޕީ.އާރް.ސީ" އިން ރަސްމީކޮށް އެންޑޯސްކޮށްފައިވާ ވެކޭޝަން އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ  ޖުލައި ހަޔަކުން އަށަކަށް ނޭޝަނަލް އަރޓް ގެލަރީގައެވެ.