ކުޅިވަރު

ކޮންފެޑެރޭޝަންސް ކަޕްގެ ފެށުން ރަޝިޔާއިން ރަނގަޅުކޮށްފި


ނިއުޒީލެންޑް ބަލިކޮށް ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ފެށުން ރަޝިޔާއިން ރަނގަޅުކޮށްފިއެވެ.

 ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި ނިއުޒީލެންޑްގެ މައްޗަށް ރަޝިޔާ ކުރި ހޯދީ ދޭއް ސުމަކުންނެވެ. މެޗުގައި ރަޝިޔާއިން ޖެހި ދެ ލަނޑުގެ ތެރެއިން އެއް ލަނޑަކީ ނިއުޒީލެންޑްގެ ޑިފެންޑަރ މައިކަލް ބޮޒަލް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ރަޝިޔާގެ އަނެއް ލަނޑު ޖަހައިދިނީ ފިޔޮދޯރް ސްމޮލޯވްއެވެ. 

މި މެޗްގެ ކުރިން ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ. ރަޝިޔާގެ ތާރީޚާއި ސަގާފަތް ދައްކުވައިދިން މި ރަސްމިއްޔާތަށްފަހު އެގައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިންވަނީ ވާހަކަފުޅު ދައްކަވައި، 2018ގެ ވޯލްޑްކަޕަށް އެގައުމު ފުރިހަމައަށް ތައްޔާރުވެފައިވާކަން ހާމަކުރައްވާފައެވެ.

img:http://s1.psmnews.mv/images/660x400/14977699553539.jpg|ކޮންފެޑެރޭޝަން ކަޕް ހުޅުވުމުގެ ރަސްމިއްޔާތު

 ފީފާ ކޮންފެޑެރޭޝަންސް ކަޕަކީ ވޯލްޑްކަޕް ބާއްވާ ސްޓޭޑިއަމްތަކާއި ބާއްވާ ގައުމު ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ވާދަކުރަނީ ދުނިޔޭގެ ހުރިހާ ބައްރެއްގެ ޗެމްޕިއަނުންނާ، ދުނިޔޭގެ ޗެމްޕިއަނުންނާ މުބާރާތް ބާއްވާ ޤައުމާއެކު ޖުމްލަ އަށް ޤައުމެވެ. 

ހަތަރު އަހަރުން އެއް އަހަރު ބާއްވާ މި މުބާރާތުގައި މިފަހަރު ވާދަކުރަނީ ރަޝިޔާ، ނިއުޒިލެންޑް، ޕޯޗުގަލް، މެކްސިކޯ، ކެމެރޫން، ޗިލީ، އޮސްޓްރޭލިޔާ އަދި ޖަރުމަންވިލާތެވެ.