ޚަބަރު

ހައުސިންގ މިނިސްޓަރ، އޭއައިއައިބީގެ ރައީސާއި ބައްދަލުކުރައްވައިފި


ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް، އޭ.އައި.އައި.ބީގެ ރައީސް ޖިން ލިކުއިންއާއި ބައްދަލުކުރައްވައިފިއެވެ.

އޭ.އައި.އައި.ބީގެ ރައީސްއާއި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވާފައި ވަނީ އެ ބޭންކްގެ ބޯޑް އޮފް ގަވަނަރޒްގެ ދެވަނަ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު މިހާރު ކޮރެއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ގްރޭޓަރ މާލޭ ސަރަޙައްދުގެ ކުނި މެނޭޖްކުރެއްވުމަށް ސަރުކާރުން ފެށްޓެވުމަށް ހަމަޖެހިފައިވާ މަޝްރޫޢާއި ގުޅޭގޮތުންނެވެ. އެގޮތުން، މި މަޝްރޫޢަށް އޭ.އައި.އައި.ބީއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ދެ ބޭފުޅުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ. އަދި މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، އެ ބޭންކުން އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ޝަޢުގުވެރިކަން ފާޅުކުރައްވާފައިވާކަމަށްވެސް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެވެ.

img:http://s4.psmnews.mv/images/660x400/14977031227804.jpg|އޭ.އައި.އައި.ބީގެ ބޯޑް އޮފް ގަވަނަރޒްގެ ދެވަނަ އަހަރީ ޖަލްސާގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ތަޤްރީރުކުރައްވަނީ- ފޮޓޯ: ހައުސިންގ މިނިސްޓްރީ

އޭ.އައި.އައި.ބީގެ ބޯޑް އޮފް ގަވަނަރޒްގެ ދެވަނަ އަހަރީ ޖަލްސާގެ ހަވާސާގެ ތެރެއިން ބޭއްވި ސެމިނަރގައި ރާއްޖެ ތަމްސީލްކުރައްވާ، ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަޤްރީރުކުރައްވާފައެވެ. އެމަނިކުފާނުގެ ތަޤްރީރު މައިގަނޑުގޮތެއްގައި ބިނާކުރައްވާފައިވަނީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކާއި، މި މަސައްކަތް ކުރެއްވުމުގައި މޫސުމަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ތިމާވެއްޓާއި ރަށްޓެހި އުސޫލްތައް ގެންގުޅުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށެވެ. އަދި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި ރާއްޖެފަދަ އިޤްތިޞާދީގޮތުން ފުދުންތެރިކަން ކުޑަ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މިނިސްޓަރ ވަނީ ތަޤްރީރުކުރައްވާފައެވެ.

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް، އޭ.އައި.އައި.ބީ އަކީ އޭޝިއާ ސަރަޙައްދުގެ އިޤްތިޞާދީ ދުވެލި ހަލުވިކޮށް، ޤައުމުތަކުގެ ޢުމްރާނީ ތަރައްޤީއަށް ހިންގާ ތަފާތު މަޝްރޫޢުތަކަށް މާލީގޮތުންނާއި ފަންނީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބޭންކެކެވެ. 52 މެމްބަރު ޤައުމާއެކު 2015 ވަނަ އަހަރުގެ ތެރޭގައި ވުޖޫދަށް އައި މި ބޭންކުގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 80 އަށް އަރާފައެވެ. ދިވެހިރާއްޖެއިން އޭ.އައި.އައި.ބީގެ މެމްބަރަކަށްވެފައިވަނީ 4 ޖެނުއަރީ 2016ގައެވެ.