ޚަބަރު

އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްވެ މާލެ ނުގެނެވުނު


ފުވައްމުލަކުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނައުމަށް މަތިންދާބޯޓުގައި ދަތުރު ފެށިފަހުން، ހާލު ސީރިއަސްވުމުން އަލުން ފުވައްމުލަކަށް ބޯޓު ޖައްސައި، އެމީހާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދަން ނިންމައިފިއެވެ.

މި މީހާ ހިތަދުއަށް ގެންދިއުމަށް ސީ އެމްބިއުލެންސްގައި މިހާރު ފުރާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މިއަދު ހެނދުނު އޭނާ މާލެ ގެނައުމަށް ނިންމީ، އެކްސިޑެންޓަށްފަހު ލިބުނު ސީރިއަސް އަނިޔާތަކަށް ފުވައްމުލަކު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހުގައެވެ.

މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން ފަންސާސް ނުވަ އަހަރުގެ ފިރިހެނަކަށެވެ. ރޭ ދިހައެއްޖަހާ ކަންހާއިރު މި އެކްސިޑެންޑް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެންނެވެ. މިހާދިސާގައި ދެ ސައިކަލްގައި ތިބި ތިން މީހުންނަށްވެސް އެކިވަރުގެ އަނިޔާވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.