މިދިޔަ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި "ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.
މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤް ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ. މި އިސްލާހާ ގުޅިގެން، ތެލުގެ ބާވަތްތަކުން ނަގާ ޑިއުޓީ %5 އަށް ކުޑަވެ، މިއަދުން ފެށިގެން މި އިސްލާހަށް ޢަމަލުކުރަން ފަށާނެއެވެ. އިމްޕޯރޓް އެކްސްޕޯޓް ޤާނޫނުގެ ޗެޕްޓަރ 27 އަށް ސަރުކާރުގެ ފަރާތުން އިސްލާޙު ހުށައަޅުއްވާފައިވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކެވެ.
ނިހާން ހުށައަޅުއްވާ މަޖިލީހުން ފާސްކޮށް، ރައީސް ތަސްދީޤްކުރެއްވި، މި އިޞްލާޙްގައި ވަނީ ބިމުން ނަގާ ހަކަތައިގެ ބާވަތްތަކާއި ބިމުން ނަގާ ތެލާއި އަދި އެފަދަ އެއްޗެހި ސާފުކޮށްގެން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުން ޑިއުޓީ ނަގާނީ 5 އިންސައްތާގައި ކަމަށެވެ. މިހާތަނަށް ޑީސަލާއި އޭވިއޭޝަން ފިއުލާއި ކައްކާގޭހާއި ކަރާސީނު އަދި ޕެޓްރޯލުން ނަގަމުން އަންނަނީ 10 އިންސައްތައިގެ ޑިއުޓީއެކެވެ. ނިހާން ވިދާޅުވެފައި ވަނީ، އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް ގެންނެވި އިޞްލާޙްގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ކުޑަވާނެ ކަމަށެވެ. ނަމަވެސް އަދުގެ ސަރުކާރަކީ ރައްޔިތުންގެ ހިތްހަމަޖެހުމަށް މަސައްކަތްކުރާ ސަރުކާރެއް ކަމަށާއި މި އިޞްލާޙްގެ ސަބަބުން ރައްޔިތުންނަށް އެތައް ލުއިފަސޭހައެއް ވެގެންދާނެ ކަމަށެވެ.