ޚަބަރު

ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ފައިނަލް


ޕީއެސްއެމް އިން ކުރިޔަށް ގެންދާ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ފައިނަލަށް ހޮވުނު ކުދިންގެ ކިޔެވުން ފެށިގެން ކުރިއަށް އެބަދެއެވެ. ފައިނަލްގައި ކިޔަވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭއްވި އޮޑިޝަންތަކުން، ކޮންމެ ޢުމުރުފުރާއަކުން ގަދަ ދިހައަކަށް ހޮވުނު ދަރިވަރުންނެވެ. އެގޮތުން 3 އުމުރުފުރާއަކުން ޖުމްލަ 30 ކުދިންގެ ކިޔެވުން ކުރިއަށްދާނެއެވެ.

މި މުބާރާތުގައި ކިޔަވާ ކުދިންނަށް މާކްސް ދިނުމުގައި، ތަޖުވީދާ ގުޅުންހުރި ސުވާލު ކުރުމާއި، ކިޔެވުމުގައި ތަޖުވީދާއި އަޑު އަދި މަހުރަޖައް ބަލާނެއެވެ.

މި މުބާރާތުން އެއްވަނައަށް ދާ ދަރިވަރައް 20،000 ރުފިޔާ، ދެވަނައަށްދާ ދަރިވަރަށް 15،000 އަދި ތިންވަނައަށްދާ ދަރިވަރަށް 10،000 ރުފިޔާ ކަނޑައަޅާފައިވެއެވެ. ކޮންމެ އުމުރުފުރައަކުން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވޭ ދަރިވަރުންނަށްވެސް ފައިސާގެ އިނާމު ވަނީ ކަނޑައަޅާފައެވެ. އަދި ކޮންމެ އުމުރުފުރައަކުންވެސް ގަދަ 5 ވަނައަށްދާ ދަރިވަރުންނަށް ޕީއެސްއެމުން ޚާއްސަ އިނާމެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވަނީ އިސްލާމީ ޔުނިވަރސިޓީގެ ތިން މުދައްރިސުންނެވެ. ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ޕީއެސްއެމުން، ތުއްތުކުދިންނަށް ޚާއްޞަކޮށްގެން ބާއްވަމުން އަންނަ މި މުބާރާތުގައި މިއަހަރު ނަވާރަސަތޭކައެއްހާ ކުދިން ބައިވެރިވެފައިވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މާލެ އަދި ހުޅުމާލެ ހިމަނައިގެން ޖުމްލަ 10 ސަރަޙައްދެއްގައި އޮޑިޝަން ބާއްވާފައިވެއެވެ. މުބާރާތުގައި ކިޔަވަނީ 5 އަހަރާއި 7 އަހަރާއި، އަދި 7 އަހަރާއި 10 އަހަރު އަދި 10 އަހަރާއި 13 އަހަރާއި ދެމެދު އުމުރުފުރާގެ ކުދިންނެވެ.

މި މުބާރާތުގެ ކިޔެވުން ކުރިއަށްދަނީ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައެވެ.