ޚަބަރު

ޚިދުމަތާއި ތަކެތީގެ އަގުތަކަށް ހެޔޮ ބަދަލެއް އަންނަންޖެހޭ- ނިހާން


އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް މަޖިލީހުން ގެންނެވި ބަދަލުގެ ސަބަބުން ރާއްޖޭގެ ޚިދުމަތާއި ތަކެތީގެ އަގުތަކަށް ހެޔޮ ބަދަލެއް އަންނަންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ތެލުގެ ބާވަތްތަކަށް މަޖިލީހުން ގެންނެވި ހެޔޮ ބަދަލާއި ގުޅިގެން ވިޔަފާރިވެރިން ގެންގުޅޭ އުސޫލުތައް އިޚްލާސްތެރިކަމާއެކު ބަދަލުކުރަންޖެހޭކަމަށެވެ.

ނިހާން ވިދާޅުވީ، އަހަރުގެ މެދުތެރެއިން ދައުލަތަށް ލިބެމުންދިޔަ އާމްދަނީގެ ބައެއް އުނިކުރުމުން، އޭގެ ބަދަލުގައި އާމްދަނީ އިތުރުކުރާނެ ގޮތްތަކެއް ސަރުކާރުން ރާއްވަވާނެކަމަށެވެ. ނިހާންގެ ވާހަކަފުޅުގައި ބަޖެޓް ސަޕޯޓްގެ ގޮތުގައި މީގެ ކުރިންވެސް ރާއްޖެއަށް އަވަށްޓެރި ޤައުމުތަކުންނާއި ދޭދޭ ޤައުމުތަކުން އެހީތެރިވެދޭކަން ފާހަގަކުރެއްވިއެވެ.

ތެލުގެ ބާވަތްތަކުން މިހާރު ނަގަމުން އަންނަނީ ދިހައެއް އިންސައްތައިގެ ޓެކުހެކެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ ތެލުގެ ޓެކްސް ފަހެއް އިންސައްތައަށް ދަށްކޮށްފައެވެ. މިއިސްލާހު އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައެވެ.