ކުޅިވަރު

ވީޑިއޯ ޓެކްނޮލޮޖީއަށް އިތުބާރެއް ނެތް- އިންގްލެންޑް ކޯޗް


ވީޑިއޯ ޓެކްނޮލޮޖީއަކީ 100 ޕަސެންޓް އިތުބާރު ކުރެވޭނެ އެއްޗެއްނޫން ކަމަށް އިންގްލެންޑްގެ ކޯޗް ސައުތުގޭޓް ބުނެފިއެވެ.

 ރޭ ފްރާންސާ ވާދަކުރި ބައނަލްއަޤްވާމީ އެކުވެރިކަމުގެ މެޗަށްފަހު އިންގްލެންޑް ކޯޗް ސައުތުގޭޓް ބުނީ މެޗެއްގައި ވާނެ ގޮތުން ވީޑިއޯ ޓެކްނޮލޮޖީ މެދުވެރިކޮށް ނިންމަން ޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އެއީ 100 ޕަސެންޓް އިތުބާރު ދެވޭނެ އެއްޗެއް ނޫންކަމަށެވެ.  

"ވީޑިއޯ ބަލައިގެން ކަން ނިންމަން ވަގުތު ނަގާ. އަނެއްކޮޅުން ވީޑިއޯއިން ވެސް ފެންނަ ހުރިހާ އެއްޗަކީ ހަޤީގަތެއް ނޫން" އިންގްލެންޑް ކޯޗް ބުންޏެވެ.

ފަހަކަށްއައިސް ފީފާގެ ގިނަ މެޗުތަކުގައި އަންނަނީ ވީޑިއޯ ރެފްރީއިން ބޭނުން ކުރަމުންނެވެ. ރެފްރީ ނިންމަން ޖެހޭ އުނދަގޫ ގިނަ މައްސަލަތަކެއް ރީޕްލޭ ބެލުމަށްފަހު ވީޑިއޯ ރެފްރީއިން މެޗުގެ ރެފްރީއަށް ކަންވީގޮތް ކިޔާދެއެވެ. 

ރޭގެ މެޗުގެ ދެވަނަ ހާފްގައި ފްރާންސްގެ ރަފޭލް ވަރޭންއަށް ރެފްރީ ރަތްކާޑު ދެއްކީ ވީޑިއޯ ރެފްރީއާ މަޝްވަޜާ ކުރުމަށްފަހުއެވެ. ވަރޭންއަށް ދެއްކި ރަތްކާޑާ މެު ފްރާންސްގެ ކޯޗް ޑިޑިއޭ ޑިޝޯމްވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ. 

ދެވަނަ ހާފް އެއްކޮށް ކަހަލަގޮތަކަށް ދިހަ ކުޅުންތެރިންނާއެކު ކުޅުނު ފްރާންސް މިމެޗް ކާމިޔާބުކުރީ ތިންލަނޑު ދެލަނޑުންނެވެ.

 މެޗުގައި އިންގްލެންޑް ދެލަނޑުވެސް ކާމިޔާބުކޮށްދިނީ ހެރީކޭންއެވެ. ފްރާންސްގެ ތިންލަނޑު ކާމިޔާބުކޮށްދިނީ އުމިޓިޓީ، ސިޑީބޭ އަދި އުސްމާން ޑެމްބެލޭއެވެ.

ޑެމްބެލޭގެ ގޯލުން ފްރާންސް މެޗު ކާމމިޔާބުކުރިއިރު މިއީ އޭނާ ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.