ދުނިޔެ

ލަންޑަންގެ ގްރެންފެލް ޓަވަރުގައި އަލިފާން ރޯވެ އަނދަމުންއެބަދޭ


ހުޅަނގު ލަންޑަންގައި ހުންނަ ހަތާވީސް ބުރީގެ ފްލެޓް އިމާރާތެއްކަމުގައިވާ ގްރެންފެލް ޓަވަރުގައި އަލިފާން ރޯވެ އަނދަމުންއެބަދެއެވެ.

ލަންޑަން ފަޔަރ ބްރިގޭޑުން މަޢުލޫމާތުދޭގޮތުން އަލިފާންގަނޑު ކޮންޓްރޯލް ނުވެ ހުޅުގަނޑު ބޮޑުވަމުންދާއިރު، މިހާތަނަށް އެތަށް ބަޔަކު ޒަޚަމްވެ، ބައެއް މީހުން ޢިމާރާތުން ނުނިކުމެވި، ޢިމާރާތުގެ ތެރޭގައި ތާށިވެފައިވާކަމުގެ މަޢުލޫމާތުވެސް ދަނީ ލިބެމުންނެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުން ޢިމާރާތުގައި ތާށިވެފައި ތިބި ބައެއް މީހުން ދަނީ ޓޯޗު އައްޔާއި މޯބައިލްފޯނުގެ އަލީގައި އެމީހުން ތިބި ހިސާބު ފަޔަރ ފައިޓަރުންނަށް އަންގައިދެމުންނެވެ.

ފަޔަރ ފައިޓަރުން ދަނީ، އެ ޢިމާރާތުން މީހުން ހުސްކުރުމުގެ މަސައްކަތްކުރަމުންނެވެ.

އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި ސާޅީސް ފަޔަރ އެންޖިން އަދި ދުއިސައްތައަށްވުރެ ގިނަ ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުން ދާއިރު، ލަންޑަން އެމްބިއުލާންސް ސަރވިސް އިން ދަނީ އެ ސަރަޙައްދުގައި މީހުންނަށް ފަރުވާދެމުންނެވެ.