ޚަބަރު

އެމެރިކާއިން ބޭނުންވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ޑިމޮކްރެސީ


އެމެރިކާއިން ބޭނުންވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ޑިމޮކްރެސީ ދެމެހެއްޓުމުގެ މައި ތަނބެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމަށްކަމަށް އެމެރިކާއިން ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކޭޝަޕް ވިދާޅުވެއްޖެއެވެ.

"އެމެރިކަން ސެންޓަރ - މާލޭ" ގެ އައު ޢިމާރާތް ހުޅުއްވައިދެއްވާ ވާހަކަދައްކަވަމުން ސަފީރު ކޭޝަޕް ވިދާޅުވީ އެމެރިކާ ސަރުކާރާއި އެމެރިކާގެ ރައްޔިތުންވެސް ބޭނުންވަނީ ރައްޖެއަކީ ޑިމޮކްރެސީގެ ހަމަތައް ހިފަހައްޓާ، އަމާން، ފުދުންތެރި ޤައުމެއްގެ ގޮތުގައި އޮތުމަށް ކަމަށެވެ. އަދި އެމެރިކާއިން އަބަދުވެސް ރާއްޖެއަށް އެއްބާރުލުންދޭނެކަމުގެ ޔަޤީންކަން ސަފީރު ވަނީ ދެއްވާފައެވެ.

"ރާއްޖޭގެ އެކުވެރިއެއްގެ ގޮތުންނާއި އެމެރިކާ ސަރުކާރާއި އެމެރިކާގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑު ބޭނުންވަނީ، ރާއްޖެއާ އެކު އެމެރިކާ އަބަދުވެސް ދެމިއޮތްކަމުގެ ޔަގީންކަން ދޭން. އެއީ، އެމެރިކާގެ ސަރުކާރާއި އެމެރިކާގެ ރައްޔިތުން ދެކެނީ ރައްޖެއަކީ އަމާން، ފުދޭ އަދި ޑިމޮކްރެޓިކް ޤައުމެއްގެ ގޮތުގައި. އަދި ރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އަމާންކަމާއި މަސަލަސްކަން ޤާއިމުކުރުމަށް މަސައްކަތްކުރާ މައި ތަނބެއްގެ ގޮތުގައި." ކޭޝަޕް ވިދާޅުވިއެވެ.

އެމެރިކަން ސެންޓަރަކީ ޒުވާނުންގެ ހުނަރުތައް ކުރިއަރުވައި، އިނގިރޭސި ބަހުން ވާހަކަ ދައްކަން ދަސްކޮށްދިނުމުގެ އިތުރުން އެމެރިކާގެ ޘަޤާފަތަށް ދިވެހިން އަހުލުވެރިކުރުވުމުގެ މަޤުޞަދުގައި އެމެރިކާ އެމްބަސީ އާއި ދިވެހި ސަރުކާރާ ގުޅިގެން ޤާއިމުކޮށްފައިވާ މަރުކަޒެކެވެ.

އެމެރިކަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ މިފަދަ ފުރިހަމަ މަރުކަޒެއް ރާއްޖޭގައި ޤާއިމުކުރުމަކީ ރާއްޖޭގެ ޒުވާނުންނަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

އަދި މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި ދެ ޤައުމުގެ ގާތްގުޅުން ދެމިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިފަދަ ސެންޓަރެއް ރާއްޖޭގައި ހުޅުވިގެން ދިޔުމަކީ ރާއްޖޭގެ ޒުވާނުންނަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް. އަޅުގަނޑު އުންމީދުކުރަނީ މި ސެންޓަރުން މިހާތަނަށް ކުރަމުންއައި މަސައްކަތްތައް ކުރަމުން ގެންދާނެކަމަށް. އަޅުގަނޑު ވަރަށް އުފާކުރަން މިފަދަ ފުރިހަމަ ސެންޓަރެއް ރާއްޖޭގައި ހުޅިވުނީތީ" މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

މި މަރުކަޒުގެ މަސައްކަތަށް އެމެރިކާ ސަރުކާރުން ސަތޭކަ ހާސް ރުފިޔާއަށްވުރެ ބޮޑު ޚަރަދެއް ކޮށްފައިވާއިރު ދިވެހިރާއްޖޭގެ ސަރުކާރުން ވަނީ އެމްބަސީ ހުޅުވާނެ ތަނެއްގެ އިތުރުން ޕްރޮގްރާމް ހިންގުމަށާއި ތަނުގެ މަސައްކަތްތަކަށް މުވައްޒަފުން ހަމަޖައްސާފައެވެ.

ޤައުމީ ކުތުބުޚާނާގެ ފުރަތަމަ ފަންގިފިލާގައި ކުރިން ހުރި އެމެރިކަން ސެންޓަރ މާލޭގެ އައު ޢިމާރާތް މިހާރު ޤާއިމްކޮށްފައިވަނީ ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އިމާރާތުގެ 3 ވަނަ ފަންގިފިލާގައެވެ.