ޚަބަރު

ޒިޔާރަތް ސަރަޙައްދު ކޮންނަނީ ފެންހިންދާ ނިޒާމުގެ މަސައްކަތަކަށް


އަލިރަސްގެފާނު ޒިޔާރަތް ހިމެނޭ ސަރަޙައްދު ކޮންނަނީ އެ ޒިޔާރަތް ހުންނަ މަގު "ޝަހީދު ޢަލީ ހިނގުމުގައި" ފެންހިންދުމަށްޓަކައި ޕަންޕް ސްޓޭޝަނެއް ޤާއިމްކުރުމަށް ކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓްރީގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އަލިރަސްގެފާން ޒިޔާރަތް ހިމެނޭ ސަރަހައްދު ކޮނުނީ، މާލޭގައި ޕަންޕް ސްޓޭޝަންތައް ހެދުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ކަމަށާ، މި މަސައްކަތް ކުރަނީ، ރާއްޖޭގެ ތާރިޚީ ތަރިކައަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތަށް ހެރިޓޭޖް ޑިޕާޓްމަންޓްގެ އެއްބާރުލުމާއި ލަފައާވެސް އެކުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިކަމުގައި ވަރަށް ބޮޑަށް އެހީތެރިކަންދެއްވާ ހެރިޓޭޖް ޑިޕާޓްމަންޓުން. އެ ޑިޕާޓްމަންޓުން ބައްލަވާ ތާރިޚީ ތަރިކައަށް އެއްވެސް އުނިކަމެއް ނާންނަގޮތަށް ކުރިއަށް ގެންދިއުމަށް. ބިމުން މައްޗަށް އެއްވެސް އެއްޗެއް ފެންނާކަށް ނުހުންނާނެ" ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ސަރުކާރުން މިފަދަ ކަންކަން ކުރިއަށް ގެންދަނީ ވިސްނުންތެރިކަމާއި ޒިންމާދާރުކަމާއެކު ޢާންމުނަށް ފަސޭހައަކަށް ކަމަށެވެ.