މުނިފޫހިފިލުވުން

ބޮޑޮބެރު ޗެލެންޖުން ވިދާލި އަބްދުއްރާޒިޤް، ހަބޭސްއާއި ގުޅިއްޖެ


ބޮޑުބެރު ޗެލެންޖުން އެންމެ ގިނަފަހަރު އެންމެ މޮޅު ނަގާކިޔުންތެރިޔާގެ މަޤާމް ހޯދާފައިވާ އަބްދުއްރާޒިޤް، މަޝްހޫރު ބޮޑުބެރު ގްރޫޕް ހަބޭސްއާއި ގުޅިއްޖެއެވެ.

ބޮޑުބެރުގެ އަޑު ރާއްޖޭގައި ފަނޑުވެފައިވަނިކޮށް އަލުން ބޮޑުބެރުގެ އަޑު ވައިގައި ހިއްޕާލީ ޓީވީއެމުން ބޭއްވި ބޮޑުބެރު ޗެލެންޖްގެ ސަބަބުންނެވެ. ޚާއްޞަކޮށް މިހާރު ދިވެހިންގެ ތެރޭގައި އެންމެ މަޤްބޫލް ޒަމާނީ ބޮޑުބެރު އާންމުވެގެންދިޔައީ ބޮޑުބެރު ޗެލެންޖްގެ ސަބަބުންކަން ބޮޑުބެރު ގްރޫޕްތަކުން ފާހަގަކުރެއެވެ. ބޮޑުބެރު ޗެލެންޖުން އުފެދިގެންދިޔަ އެތައް ފަންނާނުންނަކާއި ހުނަރުވެރިންނެއް މިހާރު ރާއްޖޭގައި އެބަތިއްބެވެ.

މީގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2014 ވަނަ އަހަރު ބޮޑުބެރު ޗެލެންޖު ކާމިޔާބުކުރި ރ. މީދޫ ފަރުމާ ބޮޑުބެރު ގްރޫޕްގެ އަބްދުއްރާޒިޤެވެ. ރާޒިޤް ވަނީ ދެފަހަރު ބޮޑުބެރު ޗެލެންޖްގެ އެންމެ މޮޅު ނަގާކިޔުންތެރިޔާގެ މަޤާމް ހޯދާފައެވެ. އެއީ 2012 ވަނަ އަހަރާއި، މި މުބާރާތުގައި ފަރުމާ ވާދަކުރި އެންމެ ފަހު އަހަރު ކަމަށްވާ 2014 ވަނަ އަހަރުއެވެ. މީގެއިތުރުން 2013 ވަނަ އަހަރު މި މުބާރާތުން އެންމެ ތަފާތު ހުނަރުވެރިޔާގެ މަޤާމްވެސް އޭނާ ވަނީ ހޯދާފައެވެ. މިއާއެކު ބޮޑުބެރު ޗެލެންޖްގެ ހަޔާތުގައި އެންމެ ގިނަ އެވޯޑް ހާޞިލްކޮށްފައިވަނީ ރާޒިޤްއެވެ. މީގެއިތުރުން މިއަހަރު އެމްއެންޑީއެފުން ބޭއްވި ސިފައިންގެ ތެރޭގެ ލަވަ މުބާރާތެއްކަމަށްވާ "ވޮއިސް އޮފް އެމްއެންޑީއެފް"ގެ މަޤާމްވެސް ހޯދާފައިވަނީ އަބްދުއް ރާޒިޤްއެވެ. އޭނާ ފަރުމާ ބޮޑުބެރު ގްރޫޕާ ދުރުވެފައިވަނީ ސިފައިންގެ ވަޒީފާއަށް ވަނުމަށްފަހުއެވެ. tw:https://twitter.com/HabeysBoduberu/status/874358844708859905

ރާޒިޤް ބުނީ އޭނާ ހަބޭސް ބޮޑުބެރުގުރޫޕާ ގުޅުނީ މި ދާއިރާއިން އިތުރަށް ކުރިއަށްދާން ބޭނުންވާތީ ކަމަށެވެ. އަދި ހަބޭސްއާއި ގުޅުނީ ފަރުމާއާއި އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށާއި، އެ ބޮޑުބެރު ގުރޫޕަކީ ރަށުގައި ހަރަކާތްތެރިވާ ގްރޫޕަކަށް ވާތީ، އޭނާ ވަޒީފާގެ ގޮތުން މާލޭގައި އުޅެންޖެހިފައިވާތީ ކަމަށެވެ.

"އަޅުގަނޑު ހަބޭސްއާއި ގުޅުނީ މިދާއިރާއިން އިތުރަށް ކުރިއަށްދާން ބޭނުންވާތީ. ހަބޭސް އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ބޮޑުބެރު ގުރޫޕް. އަޅުގަނޑު ވަޒީފާގެ ގޮތުން މިހާރު އުޅެންޖެހިފައިވަނީ މާލޭގައިކަމަށްވާތީ ހަބޭސް ކަހަލަ ގުރޫޕަކާ ގުޅިގެން ނޫނީ ދެން ކުރިއަށް ނުދެވޭނެ. އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުން ފަރުމާއަށް. އެއީ މިހާ ހިސާބަށް އަޅުގަނޑު ގެނެސްދިނީތީ" ރާޒިޤް ބުންޏެވެ. 

މީގެއިތުރުން މޯލްޑިވިއަން އައިޑޮލް ސީޒަން ދޭކުން ވިދާލި އިބްރާހިމް ވަހީދު، ބޮޑުބެއާއި، އަޙްމަދު ސައްޔާޙްވެސް ވަނީ ހަބޭސްއާއި ގުޅިފައެވެ.

ހަބޭސްގެ މެނޭޖަރ މާކެޓިން ޢަލީ މަމްދޫޙް ބުނީ، އަލަށް ގުޅުނު މެމްބަރުންނާއެކު ހަބޭސް ޓީމް ވަރުގަދަވެފައިވާ ކަމެށެވެ. އަދި މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ހަބޭސްއިން އެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށް އޭނާ ބުންޏެވެ.

"ހަބޭސްއިން ތަމްރީންވެގެން ބައެއް ކުދިން މިހާރު އަމިއްލައަށް ބޮޑުބެރު ގުރޫޕްތައްވެސް އުފައްދާފަ އެބަހުރި. މިއީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ހަބޭސްއިން އެ ފުރުޞަތު ތަނަވަސްކޮށްދޭނަމޭ. ހަބޭސްއާއި އަލަށް ގުޅުނު ރާއްޓޭއަކީ ބޮޑުބެރުގައި އެފަދަ ދެވަނައެއް ނުވާ ނަމެއް. ހަބޭސްއާއި އަލަށް ގުޅުނު މެމްބަރުންނާއެކު ބޮޑުބެރުގައި ރާއްޖޭގައި މި ވަގުތު އޮތް އެންމެ ވަރުގަދަ ލައިންއަޕް މިއޮތީ ހަބޭސްގައި" މަމްދޫޙް ބުންޏެވެ.

ހަބޭސްބޮޑުބެރު ގްރޫޕްގެ އިތުރުން ގްރެވިޓީ ބައި ހަބޭސްއާއި، ހަބޭސް ޕޮޕް ބޭއްޑް، އަދި ހަބޭސް ފިއުޝަންއަކީ ހަބޭސްގެ ދަށުން ހިނގަމުން އަންނަ ތަފާތު ބޭންޑްތަކެވެ.