ޚަބަރު

ރާއްޖެ، ހިމަބިހި ނައްތާލާފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅައިފި


ދިވެހި ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި  ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯއިން ކަނޑައަޅައިފިއެވެ. 

މިކަން އިއްލާންކުރައްވާފައިވަނީ އިންޑިއާގެ ނިއުދިއްލީގައި މިހާރު ކުރިޔަށްދާ އެޖަމްއިއްޔާގެ ވެކްސިންއާއި ބެހޭ ފަންނީ ބައްދަލުވުމެއްގައި، އެޖަމްއިއްޔާގެ ދެކުނު އިރުމަތީ އޭޝިޔާ ޞަރަޙައްދުގެ ރީޖަނަލް ޑައިރެކްޓަރ ޑރ.ޕޫނަލް ޚެތްރެޕާލެވެ. ދިވެހި ރާއްޖޭއާއި އެކު މިޞަރަހައްދުގައި ހިމެނޭ ބޫޓާންވެސް ވަނީ ހިމަބިހިން ރައްކާތެރިވެފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. 

މިއާއެކު ރާއްޖެއާއި ބޫޓާން ވެގެން ދިޔައީ ހިމަބިހި ނައްތާލެވިފައިވާ ޤައުމުގެ ދަރަޖަ ލިބުނު ދެކުނު އޭޝިޔާގެ ފުރަތަމަ ދެޤައުމަދި 2020 ވަނަ އަހަރުގެ ކުރިން މި ޞަރަޙައްދުގެ ޤައުމުތަކަކީ ، ހިމަބިހިން ރައްކާތެރިވެފައިވާ ޤައުމުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ޢަމާޒަށް ވުރެ ކުރިން މިކަން ޙާޞިލްކުރި ދެޤައުމެވެ. 

ރާއްޖެއިން އެންމެ ފަހުން ހިމަބިހި ޖެހިފައިވާ މީހަކު ފެނިފައިވަނީ 2009 ވަނަ އަހަރުއެވެ. ހިމަބިހިން ރައްކާތެރިވުމަށްޓަކައި ރާއްޖެއިން ފުރަތަމަ ވެކްސިން ދޭންފެށީ،1976 ވަނަ އަހަރުއެވެ.