ޚަބަރު

ދުވާފަރުގައި ފެންބަންދުކުރާ ފެކްޓަރީއެއް ޢިމާރާތްކުރަނީ


ގަޑިއަކު ހަހާސް ފެންފުޅި އުފެއްދޭ މިންވަރުގެ ފެންބަންދުކުރާ ފެކްޓަރީއެއް ރ.ދުވާފަރުގައި ޤާއިމް ކުރުމަށް ނިންމައި، ފެކްޓަރީގެ ޢިމާރާތްކޮށްދޭނޭ ފަރާތެއް ހޯދުމުގެ މަސައްކަތް އެމް.ޑަބްލިއު.އެސް.ސީން ފަށައިފިއެވެ.

ފެންބަންދުކުރާ ފެކްޓަރީގެ ޢިމާރާތްކޮށްދޭނޭ ފަރާތެއް ހޯދުމަށް އެމްޑަބްލިއުއެސްސީން ކުރި އިޢްލާނެއްގައި ބުނެފައިވަނީ، ރ.ދުވާފަރުގައި އެ ކުންފުނިން ޤާއިމްކުރުމަށް ނިންމާފައިވާ ފެންބަންދުކުރާ ފެކްޓްރީގެ ސްޓީލް ސްޓްރަކްޗަރ އިންސްޓޯލްކޮށް އެކަމާ ގުޅުންހުރި މަސައްކަތްކުރާނޭ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. ބީލަމުގެ އުޞޫލުން މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައިވާއިރު، ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް އެމްޑަބްލިއުއެސްސީން ނިންމާފައިވަނީ ހަމައެކަނި ބީލަމުގައި ބައިވެރިވާން ފައިސާ ދައްކާ ފަރާތްތަކަށެވެ.

ރ. ދުވާފަރުގައި ޤާއިމްކުރާ ފެން ބަންދުކުރާ ފެކްޓަރީގެ ޕްރީބިޑް ބައްދަލުވުން މިމަހުގެ 19 ވަނަ ދުވަހުގެ 11 ޖަހާއިރު ބޭއްވުމަށް އެމްޑަބްލިއުއެސްސީން ނިންމާފައިވާއިރު، ބިޑް ހުށަހަޅަން މިމަހުގެ 22 ވަނަ ދުވަހުގެ 1 ޖެހުމާ ހަމަޔަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ބީލަން ސެކިއުރިޓީގެ ގޮތުގައި 10،000 ރުފިޔާ ހުށަހެޅުމަށް ކަނޑައަޅާފައިވާއިރު، ބީލަން ފޮތް ވިއްކަނީ 500 ރުފިޔާއަށް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެމްޑަބްލިއުއެސްސީން ދުވާފަރުގައި މިހާރުވެސް ދެމުންގެންދާ ޚިދްމަތްތަކުގެ ތެރޭގައި، ކަރަންޓުގެ ޚިދްމަތް ހިމެނެއެވެ. ގަޑިއަކު 6،000 ފެންފުޅު އުފެއްދޭ ފެންވަރުގެ ފެންބަންދުކުރާ ފެކްޓަރީއެއް ދުވާފަރުގައި ޤާއިމްކުރުމުން، އެރަށުގެ އިތުރުން، ކައިރި ރަށްރަށަށް ބަންދުކުރި ފެން ލިބުމުގައި މިހާރު ހުރި ދަތިތައް ޙައްލުވެގެންދާނެއެވެ.