ޚަބަރު

ބަންގްލަދޭޝްގެ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުއްވައިފި


ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، ރިއަރ އެޑްމިރަލް އަޚްތަރު ޙަބީބު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ. img:http://s3.psmnews.mv/images/660x400/14972857843431.jpg|ބަންގްލަދޭޝް ސަފީރު - ފޮޓޯ: ރައީސް އޮފީސް

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ބަންގަލަދޭޝްގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ބަންގްލަދޭޝްގެ ރައީސަށާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި، ރާއްޖެއާއި ބަންގަލްދޭޝްއާ ދެ ޤައުމުގެ ދޭތެރޭގައިވާ، އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ވެދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، ބަންގްލަދޭޝްގެ ސަފީރުގެ ދައުރުގައި ރާއްޖެއާއި ބަންގްލަދޭޝްއާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ އައު ސަފީރު ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝްގެ ރައީސާއި ބޮޑުވަޒީރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހެޔޮ އެދުންތައް އަރިސްކުރެއްވިއެވެ. އަދި، ދިވެހި ސަރުކާރާއެކު ގުޅިގެން މަސައްކަތް ކުރެއްވުމަށާއި، ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.