ސިއްހަތު

ޑައިގްނޯސްޓިކް ސެންޓަރުގެ ޢިމާރާތް: ޞިއްޙީދާއިރާއަށް އިންޤިލާބެއް


ދައުލަތުގެ ބަޖެޓުން 2.2 ބިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެން ޢިމާރާތްކުރަމުން ގެންދާ ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ ޢިމާރާތަކީ ޞިއްޙީދާއިރާއަށް އިންޤިލާބީ ބަދަލެއް ގެންނާނެ ޢިމާރާތެކެވެ. މީގެ އިތުރުން މިއީ ރާއްޖޭގެ ޢިމާރާތް ކުރުމުގެ ދާއިރާއަށްވެސް ގެނައި އިންޤިލާބީ ބަދަލެކެވެ. މި ޢިމާރާތުގެ 18 ވަނަ ފަންގިފިލާގެ ޝީޓް އެޅުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ.

ވެރިރަށް މާލޭގެ މަލަމަތިން މިހާރު ފެންނަމުންދާ އެންމެ އުސް އިމާރާތަކީ ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރެވެ. ދެ ޓަވަރ ކެރޭންގެ އެހީގައި ހަލުވިކަމާއެކު އިމާރާތްކުރަމުންގެންދާ މި އިމާރާތަކީ އެތައް ބައެއްގެ ޝައުޤުވެރިކަން ހުއްޓިފައިވާ ޢިމާރާތެކެވެ. ސޯޝަލް މީޑިޔާގައި ޝެއަރކުރާ ފޮޓޯތަކުންވެސް އެކަން ހާމަވެއެވެ.

ރާއްޖޭގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް 2.2 ބިލޔަން ރުފިޔާ ޚަރަދުކޮށްގެން 25 ފަންގިފިލާޔަށް ޢިމާރާތް ކުރަމުންގެންދާ ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރގެ މިހާރު ކުރަމުންދަނީ 18 ވަނަ ފަންގިފިލާގެ ސީޓްއެޅުމުގެ މަސައްކަތެވެ. އެހެންކަމުން މި ޢިމާރާތަކީ މިހާރުވެސް ރާއްޖޭގައި ހުރި އެންމެ އުސް އިމާރާތެވެ. ކުރިޔަށް އޮތް ތިންމަހެއްހާ ދުވަހުގެ ތެރޭގައި މި ޢިމާރާތުގެ ކޮންކްރީޓް މަސައްކަތް ނިންމާލެވޭނެ ކަމަށް އައިޖީއެމްއެޗުން ލަފާކޮށްފައިވާރު ޢިމާރާތުގެ އެންމެ ތިރީ ފަންގިފިލާތަކުގެ ސިމެންތީގެ މަސައްކަތްތައްވެސް ވަނީ ނިމުމަކަށް އައިސްފައެވެ. އަދި ސަރުކާރުން ލަފާކޮށްފައިވާ ތާރީހަށް މަސައްކަތް ނިންމާ ޚިދުމަތް ދެވޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް އައި.ޖީ.އެމް.އެޗްގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ، އަޙްމަދު މަޢުސޫމް ވިދާޅުވިއެވެ.

"ލަފާކުރެވޭ ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ޢިމާރާތަށް ބޭނުންވާ މެޝިނަރީޒް ގެނައުމުގެ މަސައްކަތް ކުރެވޭނެ. ދެން ޢިމާރާތުގެ އަލިފާން ނިއްވާ ނިޒާމުގެ ހޮޅިތަކާއި، ސްޕްރިންކްލާސް ފަދަ ޓެކްނިކަލް މަސައްކަތްތައްވެސް މިހާރު 7 ވަނަ ފަންގިފިލާއާއި ހަމަޔަށްވަނީ ނިމިފައި. މިހާރު މަސައްކަތް ކުރިޔަށްދާ ގޮތަށް ބަލާނަމަ އަންނައަހަރުގެ ޖޫންމަހުގެ ތެރޭގައި ޢިމާރާތުގެ މަސައްކަތް ނިމި ޢާންމުންނަށް ޚިދްމަތް ފޯރުކޮށްދެވޭނޭ ކަމުގެ ޔަޤީންކަން އެބައޮތް" އަޙުމަދު މައުސޫމް ވިދާޅުވިއެވެ.

ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރުން އައި.ޖީ.އެމް،އެޗުން މިހާރު ދެމުން އަންނަ ހުރިހާ އައުޓް ޕޭޝަންޓް ޚިދްމަތާއި، ރާއްޖޭގައި ފަރުވާ ދިނުމަށް ބޭނުންވާ ބަލިތަކުގެ މުހިންމު ހުރިހައި ތަޙްލީލްތަކެއް ހެދޭނޭ އިންތިޒާމް ޤާއިމްކުރެވިގެންދާއިރު މި ޢިމާރާތަކީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ އަދި ހަމައެއާއެކު އެތައް ރައްޔިތުންގެ އުންމީދާވެސް ގުޅިފައިވާ ޢިމާރާތެކެވެ. އެ އުންމީދު ޙާޞިލްކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާއިރު މި ޢިމާރާތަކީ ކާމިޔާބު ޢިމާރާތަކަށް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި 25 ބުރީގެ ޢިމާރާތުގެ މަސައްކަތް ނިމިގެން، އަޅުގަނޑުމެން ވިސްނާ ފެންވަރުގައި ޚިދުމަތްތައް ދެވިގެންދާއިރު، ދައުލަތަށް އެހެން ގޮތްގޮތުން ކުރަންޖެހޭ ހޭދަ ވަރަށްބޮޑުތަން ކުޑަވެގެންދާނެ. އަޅުގަނޑުމެން މި 25 ބުރީގެ އިމާރާތުން ކޭޓަރ ކުރަން މިއުޅެނީ ހަމައެކަނި މާލެއަކު ނޫން. މި ކޭޓަރ ކުރެވިގެންދަނީ. މި އިމާރާތް ނިމި، އިމާރާތުގެ ހުރިހާ ޑިޕާޓްމަންޓްތަކެއް އޮޕަރޭޝަނަލައިޒްވެގެން، ކޮމިޝަން ވެގެންދާއިރު، އިރާދަކުރެއްވިއްޔާ ބްރިޖްވެސް ނިމި، ހުޅުމާލޭގައި އެއޮތް އަޅުގަނޑުމެންގެ އެކްސްޓެންޑަޑް ޕޮޕިއުލޭޝަނާއި، މާލޭގައި މިހާރު މިއުޅޭ ޕޮޕިއުލޭޝަނާއެކީ، މިނިމަމް ގާތްގަނޑަކަށް ހަމަ އެއްލައްކަ ތިރީސްހާސް މީހުންނަށް ކޭޓަރ ކުރެވޭވަރުގެ ފެސިލިޓީޒަށް އަޅުގަނޑުމެން އުންމީދު މިކުރަނީ. އެހެންވެގެން 25 ބުރީގެ އިމާރާތަކަށް އެހާބޮޑު ސަމާލުކަމެއް ދޭންޖެހެނީ." އަޙުމަދު މައުސޫމް ވިދާޅުވިއެވެ.

އެއްފަހަރާ ސަތޭކަހާސް މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޢިމާރާތްކުރާ، 25 ބުރީގެ ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންދަނީ ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ ޙަވާލުކޮށްގެންނެވެ. ޢިމާރާތުގެ މަސައްކަތުގައި 200 އަށްވުރެ ގިނަ މަސައްކަތްތެރިންނާއި، ފަންނީ މާހިރުން ގެންދަނީ ޙަރަކާތްތެރިވަމުންނެވެ.