ކުޅިވަރު

ހިތްވަރާއެކު ކުރިމަތިލައިފި ނަމަ ކާމިޔާބު ލިބޭނެ - ޖެލީނާ


ކުރިމަތިލާ ކޮންމެ ކަމަކުންވެސް ކާމިޔާބު ލިބޭނެކަން ސާބިތުކޮށްދެވިއްޖެ ކަމަށް ފްރެންޗް އޯޕަން ކާމިޔާބުކުރި ޒުވާން ކުޅުންތެރިޔާ ޖެލީނާ އޮސްޓަޕެންކޯ ބުނެފިއެވެ.

 ކެރިއަރުގައި ހޯދި ފުރަތަމަ ގްރޭންޑް ސްލޭމަށްފަހު ޖެލީނާ ބުނީ އޭނާ މުބާރާތައް ކުރިމަތިލީވެސް ކާމިޔާބު ހޯދަން ކަމަށާއި، ކާމިޔާބަށް މަސައްކަތްކުރާ ކުޅުންތެރިއަކަށް ފުރުސަތުތައް ލިބޭނެ ކަމަށެވެ. 20 އަހަރުގެ ޖެލީނާ ގްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރުމާއެކު ގިނަބަޔަކަށް ހައިރާންކަން ލިބުނެވެ. ޚާއްސަކޮށް ކުއާޓަރފައިނަލްގައި ކެރޮލިން ވޮޒްނިއާކީގެ މައްޗަށް އޭނާ ކުރިހޯދުމާއެކު އެންމެންގެ ނަޒަރު ޖެލީނާއަށް ހުއްޓުނެވެ. ލެޓްވިއާގެ ޖެލީނާއަކީ 1933ވަނަ އަހަރުގެ ފަހުން މިމުބާރާތް ކާމިޔާބުކުރި ސީޑު ނުކުރާ ފުރަތަމަ އަންހެން ޓެނިސް ކުޅުންތެރިޔާއެވެ. އަދި އޭނާ ވެފައިވަނީ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރި ލެޓްވިއާގެ ފުރަތަމަ ކުޅުންތެޔާއަށެވެ. 

ދުނިޔޭގެ 47 ވަނައިގައި ރޭންކް ކުރެވިފައިވާ ޖެލީނާއަށް މިމުބާރާތާއެކު 12ވަނައަށް ޖެހިލެވޭނެއެވެ.

 ފްރެންޗް އޯޕަން ކާމިޔާބުކުރމުން ފައިސާގެ އިނާމްގެ ގޮތުގައި ޖެލީނާ އޮސްޓަޕެންކޯއަށް ވަނީ 2.1 މިލިއަން ޔޫރޯ ލިބިފައެވެ.