ޚަބަރު

"ފަންޑަމެންޓަލް ވީޑިއޯ ޕްރޮޑަކްޝަން ޓްރެއިނިން" ތަމްރީން ފަށައިފި


ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމާ އަލަށް ގުޅުނު ކެމެރާމަނުން ތަމްރީންކުރުމަށްޓަކައި "ފަންޑަމެންޓަލް ވީޑިއޯ ޕްރޮޑަކްޝަން ޓްރެއިނިން"ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ. ޕީއެސްއެމް ސެނެކޯގައި ފެށި މި ޕްރޮގްރާމަކީ 10 ދުވަހުގެ ތަމްރީން ޕްރޮގްރާމެކެވެ. img:http://s2.psmnews.mv/images/660x400/14971746332119.jpg|"ފަންޑަމެންޓަލް ވީޑިއޯ ޕްރޮޑަކްޝަން ޓްރެއިނިން" ފެށުން - ފޮޓޯ: ޕީއެސްއެމް / ޢަލީ ނަޞީރު

ކެމެރާމަނުން ތަމްރީންކުރުމަށް ކުރިއަށްގެންދާ 10 ދުވަހުގެ ތަމްރީން ޕްރޮގްރާމަކީ ޕީއެސްއެމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި، ކެމެރާގެ ބޭސިކް ތިއަރީއާއި ޕްރެކްޓިކަލް ބައިތަކާއި، ސައުންޑް އަދި ލައިޓިންގ ހިމެނެއެވެ. img:http://s2.psmnews.mv/images/660x400/14971746558981.jpg|"ފަންޑަމެންޓަލް ވީޑިއޯ ޕްރޮޑަކްޝަން ޓްރެއިނިން" ފެށުން - ފޮޓޯ: ޕީއެސްއެމް / ޢަލީ ނަޞީރު

މި ތަމްރީން ޕްރޮގްރާމް ފަށްޓަވައިދެއްވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ، ޕީއެސްއެމްގެ މުވައްޒަފުން ތަމްރީން ކުރުމަށްޓަކައި ކުރިމަގުގައި ގިނަ ތަމްރީން ޕްރޮގްރާމްތަކެއް ހިންގަވާނެ ކަމަށެވެ. ކެމެރާމަނުންގެ މަސައްކަތްތަކަށް އިޝާރާތްކުރައްވާ ޚަލީލް ވިދާޅުވީ، ކެމެރާމަނުންނަކީ ޓީވީގެ ވަރަށް މުހިންމު ބައެއް ކަމަށާއި، ކެމެރާމަނުންގެ ލޮލަށް ފެންނަ ކަންކަން ރައްޔިތުންނާއި ހަމައަށް ގެނެސްދޭ ބައެއް ކަމަށެވެ. img:http://s2.psmnews.mv/images/660x400/14971747608826.jpg|ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

ކުރިއަށްއޮތްތަނުގައި ޕީއެސްއެމްގެ މުވައްޒަފުންނަށް ކްރިއޭޓިވް އިންޑަސްޓްރީގައި ވަރަށް ގިނަ ފުރުޞަތުތައް އެބަހުރި ކަމަށާއި، ޑިގްރީ އަދި ޑިޕްލޮމާ ފެންވަރުގެ ބައިނަލްއަޤްވާމީ ކޯސްތަކާއި ޕްރޮގްރާމްތައް ހިންގަވާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ. ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ބައެއް ޔުނިވާސިޓީތަކާއެކު ޕީއެސްއެމުން ވެފައިވާ އެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ މުވައްޒަފުން ވަޒީފާ އަދާކުރަމުން މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު އެބައޮތްކަމަށްވެސް މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/14971748860068.jpg|ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

މި ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔަވައިދޭނީ ޕީއެސްއެމްގެ ސީނިއަރ ތަޖުރިބާކާރުންނެވެ. އެގްޒެކްޓިވް ކެމެރާމަން މުޙައްމަދު ޝިޔާޒް ވިދާޅުވީ، ތަމްރީން ޕްރޮގްރާމްގެ ބައިވެރިންގެ ހުނަރު އެބަހުރި ކަމަށާއި، މަދުވަނީ ހަމައެކަނި ތިއަރީ ބައިތައް ކަމަށެވެ. އެހެންކަމުން މި ތަމްރީން ޕްރިގްރާމްގައި އެކަމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ޝިޔާޒް ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގްރާމްގައި ޕީއެސްއެމްގެ 13 ކެމަރާމަނަކު ބައިވެރިވެއެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ 11 އިން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.