ދުނިޔެ

މޫސަލްގައި އައިއެސްއިން ދިން ޙަމަލާތަކެއްގައި 38މީހުން މަރުވެއްޖެ


ޢިރާޤުގެ މޫސަލް މިނިވަންކުރުމަށް ކުރަމުން ގެންދާ ހަނގުރާމައިގާ އައިއެސް ޖަމާއަތުން ދިން ކުއްލި ޙަމަލާތަކެއްގައި 38 މީހުން މަރުވެ 40 މީހުން ޒަޚަމްވެއްޖެއެވެ.

އެ ޙަމަލާތަކުގައި މަރުވި މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ މޫސަލްގެ ހުޅަނގު ފަޅީގައި ދިރިއުޅޭ އާންމުން ކަމަށް އިރާޤުން ބުނެއެވެ. މިއީ މޫސަލް މިނިވަންކުރުމަށް ކުރަމުން ގެންދާ ހަނގުރާމައިގާ އައިއެސް ޖަމާޢަތުން މިފަހަކަށް އައިސް ދިން އެންމެ ވަރުގަދަ ޙަމަލާތައް ކަމަށް ޚަބަރުތައް ބުނެއެވެ. ހޮނިހިރު ދުވަހު ދިން މި ޙަމަލާތަކުގެ ރައްދުގައި އިރާޤު ސިފައިންވެސް ވަނީ މޫސަލްގައިވާ އައިއެސްގެ ކޮންޓްރޯލް އޮތް އަވަށަށް އެއްގަމާއި ވައިގެ މަގުން ޙަމަލާތަކެއްދީފައެވެ. މިޙަމަލާތަކުގައި އައިއެސްގެ ހަނގުރާމަވެރިންގެ 24 މީހުން މަރުވިކަމަށް އިރާޤުގެ އަސްކަރިއްޔާގެ ބަޔާނެއް ބުނެއެވެ.

މޫސަލްއިން ފިލައިގެންދާ އައިއެސްގެ ހަނގުރާމަވެރިން ގެންދަނީ އިރާގުގެ ބައެއް ސިޓީތަކާއި އަވަށްތަކުގައި ބޮން ގޮއްވައިގެންނާއި އަމިއްލައަށް މަރުވެގެން ޙަމަލާތައް ދެމުންނެވެ. މިގޮތުން މިދިޔަ ހަފްތާގައި ބަޣްދާދުގެ ކައިރީގައިވާ އަވަށެއްގެ އިތުރުން ކަރްބަލާގައި އައިއެސްގެ ހަނގުރާމަވެރިން ދިން ޓެރަރިސްޓް ޙަމަލާތަކުގައި އިރާޤުގެ 34 މީހުން މަރުވެ އެތަށްބަޔަކު ޒަޚަމްވެފައިވެއެވެ. އިރާޤުގެ ހުޅަނގު އެންމެ ބޮޑު ސިޓީ ކަމަށްވާ މޫސަލްއަކީ އެޤައުމުގައިވާ އައިއެސް ޖަމާޢަތުގެ އެންމެ ބޮޑު މަރުކަޒެވެ.

އައިއެސްގެ އިދާރީ އޮފީސްތަކާއި ކޮމާންޑް ސެންޓަރުތައް ހުންނަނީ މޫސަލްގައެވެ. މޫސަލް މިނިވަން ކުރުމަށް އިރާގު ސިފައިން މީގެ 8 މަސް ކުރިން ފެށި ހަނގުރާމައިގައި މޫސަލްގެ ބިމުގެ ގާތްގަނޑަކަށް 97 އިންސައްތަ އައިއެސްއަށް ގެއްލިފައިވާއިރު އެބިންތައް ވަނީ އިރާޤު ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ. މޫސަލް ސިޓީގައި އައިއެސްގެ ކޮންޓްރޯލް މިހާރު އޮތީ އެންމެ އަވަށެއްގައެވެ. އެއީ ދިޖްލަތު ކޯރުގެ ހުޅަނގު އައްސޭރީގައި އޮންނަ އަވަށެކެވެ. އެ އަވަށުން އައިއެސްގެ ހަނގުރާމަވެރިން ބޭރުކޮށްލުމުގެ ހަނގުރާމަވެސް އިރާގު ސިފައިންވަނީ ހޮނިހިރު ދުވަހުވަނީ ފަށާފައެވެ. ކުރިޔަށްއޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި އެ އަވަށުންވެސް އައިއެސްގެ ހަނގުރާމަވެރިން ބޭރުކޮށް މުޅި މޫސަލް އިރާޤުގެ ސިޔާދަތުގެ ދަށަށް ގެނެވޭނެކަމަށް އެޤައުމުގެ ސިފައިން ބުނެއެވެ.

2014 ވަނަ އަހަރު މޫސަލް އާއި ރަމާދީ އަދި ފައްލޫޖާ ފަދަ އިރާޤުގެ ބޮޑެތި ރަށްތައް އައިއެސް އިން ހިފިއިރު އިރާޤުގެ ބިމުގެ 40 އިންސައްތަ އޮތީ އައިއެސް ޖަމާޢަތުގެ އަތްދަށުގައެވެ. ނަމަވެސް އައިއެސް ބަލިކުރުމުގެ ސްޓްރެޓެޖީގެ ދަށުން 2015 ވަނަ އަހަރު އިރާޤު ސިފައިން ފެށި ހަނގުރާމައިގާ އައިއެސްގެ އަތްދަށުގައިވާ ބިންތައް މިނިވަންކުރަމުންގޮސް މިހާރު އައިއެސްގެ އަތްދަށުގައިވަނީ އިރާޤުގެ އެންމެ 4 އިންސައްތަ ބިންކަމަށް ރިޕޯޓްތައް ބުނެއެވެ.

މޫސަލް މިނިވަންކުރުމުގެ ހަނގުރާމަ ނިމުމުން އިރާޤުގައި އައިއެސް ގާތްގަނޑަކަށް ނޯންނާނެ ކަމަށް އިރާޤުން ބުނެއެވެ. ނަމަވެސް ވިއްސި ވިހާލިކޮށްލެވިފައިވާ އައިއެސްގެ ހަނގުރާމަވެރިން އަމިއްލައަށް މަރުވެގެންނާއި އެނޫން ގޮތްގޮތުން ޓެރަރިސްޓް ޙަމަލާތައް ދިނުމުގެ ބިރު އަދިވެސް ބޮޑުކަމަށް އިރާގުގެ މަސްއޫލުވެރިން ވިދާޅުވެއެވެ.